![]()
ދިވެހިރާއްޖެ ޑިމޮކްރެސީގެ އުފާވެރި ފަތިހަކަށް މިހޭލީ ގިނަގުނަ ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުންނެވެ. އަދި ޚާއްސަކޮށް އެމް.ޑީ.ޕީއަށް ނިސްބަތްވި އަދި ވާ މެންބަރުންގެ ދާ އޮހޮރުވައިގެންނޭ ބުނުމަކީ އިންސާފުން އެއްކިބާވުން ކަމަކަށް ނުވާނެއެވެ. މި ބުރަ އަދި ބޮޑު މަސައްކަތުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ބޭއްވުނު މުޒާހަރާތަކެވެ. އާންމު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ޤައުމުގެ މަސްލަހަތު ކުރިޔަށް ނެރުނު މި މުޒާހަރާ ތަކަކީ މުޅި ދުނިޔެއަށްވެސް ނަމޫނާ ހަރަކާތްތަކެކެވެ
.ދުނިޔެ ދައްކާފައިވާ ހަގީގަތަކީ ރައްޔިތުންނަށް ގެއްލުންދޭ ކޮންމެ ބަޔަކުވެސް ނިމިގެން ދާކަމެވެ. އެހެން ކަމުން ވަރުގަދަ ލީޑަރުން ކަންކުރެއްވީ ރައްޔިތުން ދިފާއުކޮށް ރައްކާތެރި ކުރުމަށެވެ. މަހާތުމާ ގާންދީ 2 މާޗް 1930 ގައި ފޮނުއްވި މަޝްހޫރު ސިޓީ ގައި ވަނީ ” އެކުވެރިންނޭވެ. އަހަރެންގެ އަމިއްލަ ފިކުރު ވަރަށް ސާފެވެ. އަހަރެންނަކަށް ދިރިހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އަމުދުން އިންސާނަކަށް އެފަދަ ގެއްލުމެއް ހިލާ ނުދޭނަމެވެ. އެމީހުން އަހަރެންނަށް ކިތަންމެ ގެއްލުމެއް ދިނަސް މިކަން އޮތީ މިހެންނެވެ.” ބައްލަވާށެވެ. އިގިރޭސިންގެ އިސްތިއުމާރު އިންޑިއާއިން ފޮހެލެވެންދެން ހަޅުތާލުކުރެއްވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބޭފަދަ އަމަލެއް ނުހިންގަވައެވެ. ނަތީޖާ އެއޮތީ ފެންނާށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ބައްޕަ ކަމުގައި ރައްޔިތުން ގާންދީ ބަލައިގަތީ އެހެންވެއެވެ. ހަމަ މިހެން 1963 ގައި ޑރ.މާޓިން ލޫތާރ ކިންގު ދެއްވި ‘އަހަރެންގެ ހުވަފެނެއް ވެއޭ’ ކިޔާ މަޝްހޫރު ސްޕީޗް ގައި ވަނީ “އަހަރެމެން އަހަރެމެންގެ އުފެއްދުންތެރި އިޙްތިޖާޖުތަށް ފުރުޅިގެން ދިޔަދީގެން ނުވާނެ ނަފްސަށް ދެވޭ އަނިޔާއަކަށް” މިހެންނެވެ. އިޙްތިޖާޖު ކުރުމަކީ އަނިޔާއާއި ބިރުދެއްކުން ނޫންކަން އެވަނީ މޫރިތި އިބާރާތް ތަކަކުން ބަޔާން ކުރައްވާފައެވެ. މިއީ މާޓިން ލޫތާރ ކިންގުގެ ނަން އެމެރިކާގެ ޤައުމީ ބަތޮލެއްގެ މަޤާމަށް އުފުލެން މެދުވެރިވި ސަބަބެވެ. މިއީ އިބުރަތް ހާސިލް ކުރަންވީ ދަރުސްތަކެކެވެ
ދިވެހިރާއްޖޭގައި މީގެ ކުރިން އަބަދުވެސް އިވޭ އަޑަކީ މުޒާހަރާއެއް ކުރާނަމަ އެއީ ވަރަށް ދަށު ދަރަޖައިގެ ޤާނޫނާއި ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި ފުލުހުން އާންމު ރައްޔިތުންނަށް އެކި ގޮތް ގޮތުން އަނިޔާ ކުރާކަމުގެ ޝަކުވާ ކޮންމެ މުޒާހަރާއަކާއި އެކު ފެންމަތިވެގެން ދެއެވެ. ނަމަވެސް މިފަހަރު މީގެ ތެރެއިން ފުރަތަމަ ބައި އެއްގޮތަކަށްވެސް ނީވެއެވެ. މީޑިއާއަށް ސަރުކާރުން އަތް ބާނާފައި ނެތުމުން ޚަބަރުތަށް ގެނެސް ދިނީ ވަރަށްވެސް އިންސާފުވެރިކޮށެވެ. މިއީ ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް މިއަދުގެ ސަރުކާރުން ކުރާ މިންނެތް މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. ކަން މިހެން އޮތް ނަމަވެސް ……………………………
މަޖިލިސް ދޮށަށް އެންމެ ފަހުން އެއްވި ފަރާތް ތަކުން ކަންކުރިގޮތާ މެދު ކޮންމެ ދިވެހި ރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހެއެވެ. މަޖިލިސް ކުރާގެއަށް މެންބަރުންވަންނަން ހުރި ހުޅަނގުފަރާތު ދޮރު ބަންދު ވާގޮތަށް މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވިއެވެ. އަދި މިވަރަކުން ފުދުނީ އެއްނޫނެވެ. ލ. އަތޮޅުގެ މެންބަރު ރީކޯ މޫސާމަނިކު މަޖިލިހަށް ވަދެވަޑައި ގެންނެވި ވަގުތު ގައިކޮޅަށް އައްލައި ގަމީހު ގިރުވާނުގައި ހިފާ އަދި ޓައީއަށް ދަމާފައި ވެއެވެ. އަދި އެޓާރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދުގެ ފަހަތުން މީހަކު އައިސް އެކަމަނާއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ދިވެހި ހިތްވަރު ގަދަ ފުލުހުން ވަނީ އެކަމަނާ ދިފާޢުކޮށްފައެވެ. ދިޔާނާ އާއި މޫސައަށް ކުރި މި ގޯނާއަކީ ދިވެހި އެންމެ ރައްޔިތުން ހަރު އަޑުން ކުއްވެރި ކުރާނެ ކަމެކެވެ. އެފަދަ ހަޑި މުޑުދާރު އަމަލުތައް މި ދީބުގައި ހިންގުމަށް މަސައްކަތްކުރި މީހުންނަށް ދިވެހިން ތާރީޚްގައިވެސް ވަނީ ޙައްޤު އަދަބު ދީފައެވެ. މިފަހަރުވެސް ރައްޔިތުންގެ އެ ހަތުރުން ހަމަ ބިމަށް ތިރިކޮށް ޙައްޤަށް ނަސްރުދޭން ދިވެހިން ނުކުންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
އެމް.ޑީ.ޕީ އިން މުޒާހަރާ ކުރަމުން ދިޔަ އިރު، އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ މަގުމައްޗަކަށް ނުނިކުއްނާނަމޭ ބުނީ ކޮން ޕާޓީއެއްގެ ކޮން ބައެއްކަން ދިވެހިން ދަނެއެވެ. އެދުވަހު އެއީ ޤާނޫނީ ކުށެއްކަމަށާއި އެއީ ހަޑި އަމަލެއް ކަމަށް ބުނި މީހުން މިއަދު މަގުމަތީ ބުމަރު ތަކެއްހެން އެ އެބުރެނީ ކީއްވެބާއޭ ހިތައްއަރައެވެ! ގޮތް ހުސްވީ ބާވައެވެ؟ މަގު އޮޅުނީ ބާވައެވެ؟ އަނެއްކާ މޮޔަވީ ބާވައެވެ؟ މިހިރީ ހައްތަހާވެސް ހިތަށް އަރާ ފާއިބާ ސުވާލުތަކެވެ. ފުންކޮށް ވިސްނާލުމުން ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހައިން ލިބިއްޖެއެވެ. އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ ބުނި މީހުން ނުކުމެގެން މި އެބުރެނީ ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބުވެސް ގެއްލުމުން ލިބުނު ފުން ހިތާމައެއްގެ ސަބަބުންނެވެ.
މިއަދު އިދިކޮޅު ޕާޓީ ތަކުން އެމް.ޑީ.ޕީން މި ކޮށާ ދިން ޑިމޮކްރެސީގެ ފުޅާ ތަނަވަސް މަގުން ހިގަން ވެއްޖެއެވެ. އަދި ދުނިޔޭގެ ތަޖުރިބާ ހޯދާބަލަން ވެއްޖެއެވެ. ދަސްކޮށްގެން ނުކުމެ ހަރުދަނާ ކަމާއެކީ އިދިކޮޅު ޕާޓީ ތަކެއްގެ ގޮތުގައި ޙަރަކާތްތެރި ވާންފަށައިފިނަމަ ރައްޔިތުންގެ ތާއީދުވެސް ލިބޭނެއެވެ. ނަމަވެސް ޑިމޮކްރެސީގެ އަސާސްތަކަށް ލޯމަރާލައިގެން ތިބެ ‘އަޅުގަނޑުމެން މުޒާހަރާއެއް ނުކުރާނަމޭ’ ބުނާ އުސޫލުން ކަންކުރަން ދިމާކޮށްފިނަމަ އެބަޔަކު މަޒީގެ ތެރެއަށް ގެއްލި ނިމިދާނެއެވެ.
ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައިވަނީ “ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” މިހެންނެވެ. މި ޢިބާރާތް ކޮޅަށް ފުރިހަމައަށް އިޙްތިރާމް ކުރުމީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ. މާތް ﷲ އަޅުނޑުމެންނަށް ހެޔޮވިސްނުން ދެއްވާށި! އަދި ފަސާދަ ކުރާ މީހުންގެ ނުބައި ކަމުން މި ވަތަން ހިމާޔަތް ކުރައްވާ އަމާންކަންމަތީ ދިރި އުޅުމުގެ ހެޔޮ ތައުފީގު އެންމެ ދިވެހިންނަށް ދެއްވާށި! އާމީން.
(މަތީގައި އެވަނީ ދެވެހި އޮބްޒާވާގައި 3 ޑިސެމްބަރ ގައި ޝާއިއު ކުރވުނު ލިއުމެކެވެ)
Posted by Hussain Nazeer