ރައްޔިތުންގެ މަޖިލިސް އުވިއްޖެނަމަ

January 11, 2009

ޙުސައިން ނަޒީރު . ނޫން

people-majilis1މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ ރައްޔިތުންގެ މަޖިލިހުން އެ މަޖިލިހުގެ އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ނުހަދައި ޗުއްޓީއަށް ވަޑައިގަން ވާހަކައެވެ. ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ)ގައި ވަނީ 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލހުގެ އިންތިޚާބު ބާއްވާންވާނެ ކަމަށެވެ. މި އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ހެދެންޖެހޭނެ ކަމަށް 70ވަނަ މާއްދާއާއި 299(ށ) އަދި 72(ނ) ގައި ބަޔާންވެފައިވެއެވެ. އެހެންކަމުން 15 ފެބްރުއަރީ ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ މިދެ ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލިހަށް ނުކޮށް ތިބެވޭނެ ކަމެއް ނޫނެވެ. އެއީ ޤާނޫނުއަސާސީއިން ލާޒިމްކުރާ ކަމެކެވެ.

މިއަދު ދިވެހި ރައްޔިތުން އެއް އަޑުން ގޮވަމުން އެދަނީ މިދެ ޤާނޫނު ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާވެސް ތަކުރާރުކޮށް މިދެ ޤާނޫނު ނިންމައި ދެއްވުން އެދި މަޖިލިހަށްވަނީ އިލްތިމާސް ކުރައްވާފައެވެ. ފުންނާބުއުސް ދެ ޤާނޫނީ ވަކީލުން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި ޕާޓީތަކުން އެގެންދަވަނީ މާ ބޮޑު ތަފާތެއްނެތި މިދެ ޤާނޫނު އަވަހަށް ނިންމެވުމަށް އެކި ގޮތްގޮތަށް އިލްތިމާސް ކުރަމުންނެވެ. ދިވެހި ރައްޔިތުން އެކީ އެކައްޗަކަށް ބަދަހި ސަފުތަކެއްގައި މިތިބީ ޤާނޫނުއަސާސީގެ ބާރު ދެއްކުމަށް ތެދުވެއެވެ. ހިލާ ޤާނޫނުއަސާސީއާއި ހިލާފަށް އެއްކަމެއްވެސް ވިޔަކަ ނުދޭނަމޭ ބުނަމުންނެވެ.

އެދެ ޤާނޫނު ހެދެން ޖެހޭނެކަން އަޅުގަނޑުމެން އެންމެން މިހާރު ޤަބޫލުކުރަމެވެ. ދެން އޮތް ސުވާލަކީ ނުހެދިއްޖެ ނަމަ ވާނީ ކިހިނެއްތޯ ކުރެވޭ ބޮޑު ސުވާލެވެ. އާ ޤާނޫނުއަސާސީގެ 296(ހ)ގައި 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވެން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި 296(ށ)ގައި ވަނީ މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 1 މާރޗް 2009ވަނަ ދުވަހުގެ ކުރީން ބާއްވަން ވާނެ ކަމަށެވެ. މިހެން މިކަން އޮތުމުން މައިގަނޑު ދެ ބަހުޘެއް އުފެދިގެން ދެއެވެ.

ފުރަތަމަ ބަހުޘަކީ 15 ފެބްރުއަރީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވައިފިނަމަ އެއީ ޤާނޫނީ ބާރު ލިބިގެންވާ މަޖިލިހަކަށް ވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ޤާނޫނުއަސާސީގެ 299(ހ)ގައި ވަނީ ރައްޔިތުންގެ މަޖިލިހުންނާއި އެހެނިހެން މުއައްސަސާތަކުންނާއި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާންވާނެކަމަށެވެ. އަދި ޤާނޫނުއަސާސީގެ 8 ބަނަ މާއްދާގައިވަނީ “ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ.” ކަން މިހެން އޮތްހިދު ޤާނޫނުއަސާސީގައި ކަޑައެޅި ވަކި ތާރީހެއްގައި އިންތިޚާބު ބާއްވަން ޖެހޭނެކަމަށް ބުނެފައިވާ ހިދު އެއާއި ހިލާފަށް އެއްވެސް ކަމެއް ކުރުން ނުވަތަ ނުކުރުމަކީވެސް އެއްވެސް ފަރާތަކަށް ހުއްދަވާނެ ކަމެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާއިރު ކަމެއް ނުކުރުމުން ޤާނޫނެއްގެ ބާރު ކެޑޭނަމަ އެ ނުކުރި ކަމަކީވެސް ޤާނޫނީ ކުށެކެވެ. މި ވިސްނުމުން ބަލާއިރު މަޖިލިހުގެ މެންބަރުން ޤާނޫނު ނުހެދުމަކީވެސް ޤާނޫނީ ބޮޑު ކުށަކަށް ނޫނީ ނުވާނެއެވެ.

ދެވަނަ ބަހުޘަކީ 1 މާރޗްގެ ކުރިން މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކަޑައެޅިފައި ވުމުން ދޭހަވަނީ އެދުވަހުން ފެށިގެން މިހާރުއޮތް މަޖިލިސް އުވުންތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ހަޤީޤަތުގައި މިހާރުއޮތް މަޖިލިސް ދެން އުފެދޭ މަޖިލިހެއް ހުވާ ކުރުމާއިއެކު އުވިގެން ދާނެއެވެ. މިކަން 294(ހ) އަށް ބަލާލުމުން ފަހުމްވެއެވެ. ނަމަވެސް އެ މާއްދާއަށް ބަލައިލުމުން އިތުރު ސުވާލެއް ފެންމަތި ވެގެން ދެއެވެ. އެއީ އެމާއްދާގައި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ އާ މަޖިލިސް މެންބަރުކަމާ ޙަވާލުވަންދެން ކަމަށް ބުނެފައި އޮތުމުން އުފެދޭ ސުވާލެކެވެ. އަޅުގަނޑު ރައްޓެއްސަކާ މިކަމާ ޙިޔާލު ބަދަލުކޮށްލުމުގެ ތެރޭގައި އޭނާ މިމާއްދާއަށް ރިޔާއަތްކޮށް ބުނީ އާމަޖިލިހެއް މެންބަރުކަމާއި ޙަވާލުވާންދެން މިހާރުއޮތް މަޖިލިސް ދެމިގެން ދާނެކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީއަށް ފުންކޮށް ވިސްނާލުމުން އެގެނީ 1 މާރޗް ގެފަހުން މިހާރުއޮތް މަޖިލިސް އުވޭނެކަމެވެ. މިކަން ވަރަށް ރަގަޅަށް 79(ހ) ބަލައި ލުމުން ދޭހަވެއެވެ. ޤާނޫނުއަސާސީގެ ރޫހު އެމާއްދާއިން އެއޮތީ ފެންނާށެވެ.

މި ދެ ނުކުތާ ޤާނޫނުއަސާސީއަށް ބަލައިލުމުން ސާފުކޮށް ފެންނަށް އެބައޮތެވެ. ފެންނަ މަންޒަރަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީހަށް އިންތިހާބު ބާއްވަން ޖެހޭނެކަމެވެ. ދެ ޤާނޫނު ނުހެދުމުގެ ސަބަބުން އިންތިޚާބު ނުބޭއްވިއްޖެނަމަ މަޖިލިހުގެ މެންބަރުން އެތިއްބެވީ ޤާނޫނުއަސާސީގެ ބާރު ކަޑުވާލާފައެވެ. އަދި އާ މަޖިލިހެއް ދެން ހޮވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. އަދި 1 މާރޗްގެ ފަހުންނުވަތަ އާ މަޖިލިސް ހުވާކުރުމުން މިހާރު އޮތް މަޖިލިސް އުވޭނެ ކަމެވެ. އެހެން ކަމުން މަރޗްއަށް ފަހު އާ މަޖިލިހެއް ނުހޮވިއްޖެ ނަމަ ރައްޔިތުންގެ މަޖިލިހެއް ނޯންނާނެއެވެ.

ބަޔާންވެ ދިޔަފަދައިން ރައްޔިތުންގެ މަޖިލިހެއް ނުހޮވި މިހާރު އޮތް މަޖިލިސް އުވިއްޖެ ނަމަ ދެން މިލޮބުވެތި ޤައުމަށް ވެގެންދާނެ ގޮތަކާއިމެދު ކޮންމެ ފަރުދަކު ވިސްނާލަންޖެހެއެވެ. ޤާނޫނުއަސާސީގެ 292 ވަނަ މާއްދާގައި ބުނެފައިވަނީ މިޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ މަޖިލިސް އިންތިޚާބު ވުމުގެ ކުރިން ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށެވެ. އެހެން ކަމުން އާމަޖިލިސް 15 ފެބްރުއަރީގައި އިންތިޚާބު ނުކުރެވިއްޖެނަމަ ޤާނޫނުއަސާސީއަށް ދުވަހަކުވެސް ބަދަލެއް ނުގެނެވޭނެއެވެ. އެއާއިއެކު ރައްޔިތުންގެ މަޖިލިހެއް އިންތިޚާބުކުރެވޭނެ އެއްވެސް ގޮތެއް ދެނެއް ނޯންނާނެއެވެ. އެމަޖިލިހުން ހަދަންޖެހޭ ޤާނޫނުތަށް ހެދޭނެ ގޮތެއް އެމަޖިލިހުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ޤައުމު ގޮތްނޭގޭ އަދަވަޅެއްގެ ތެރެއަށް ވައްޓާ ނުލައްވާށެވެ.

މަތީގައި އެވަނީ ދިވެހި އޮބްޒާވާ (ޑީ.އޯ) ގައި 3 ޖެނުއަރީ 2009 ގައި ޝާއިއު ކުރެވުނު ލިއުމެކެވެ.



އަޅުގަނޑުމެން މުޒާހަރާއެއް ނުކުރާނަމެވެ

December 22, 2008

force-mp-gandhi20and20crowd1

ދިވެހިރާއްޖެ ޑިމޮކްރެސީގެ އުފާވެރި ފަތިހަކަށް މިހޭލީ ގިނަގުނަ ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުންނެވެ. އަދި ޚާއްސަކޮށް އެމް.ޑީ.ޕީއަށް ނިސްބަތްވި އަދި ވާ މެންބަރުންގެ ދާ އޮހޮރުވައިގެންނޭ ބުނުމަކީ އިންސާފުން އެއްކިބާވުން ކަމަކަށް ނުވާނެއެވެ. މި ބުރަ އަދި ބޮޑު މަސައްކަތުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ބޭއްވުނު މުޒާހަރާތަކެވެ. އާންމު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ޤައުމުގެ މަސްލަހަތު ކުރިޔަށް ނެރުނު މި މުޒާހަރާ ތަކަކީ މުޅި ދުނިޔެއަށްވެސް ނަމޫނާ ހަރަކާތްތަކެކެވެ

.ދުނިޔެ ދައްކާފައިވާ ހަގީގަތަކީ ރައްޔިތުންނަށް ގެއްލުންދޭ ކޮންމެ ބަޔަކުވެސް ނިމިގެން ދާކަމެވެ. އެހެން ކަމުން ވަރުގަދަ ލީޑަރުން ކަންކުރެއްވީ ރައްޔިތުން ދިފާއުކޮށް ރައްކާތެރި ކުރުމަށެވެ. މަހާތުމާ ގާންދީ 2 މާޗް 1930 ގައި ފޮނުއްވި މަޝްހޫރު ސިޓީ ގައި ވަނީ ” އެކުވެރިންނޭވެ. އަހަރެންގެ އަމިއްލަ ފިކުރު ވަރަށް ސާފެވެ. އަހަރެންނަކަށް ދިރިހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އަމުދުން އިންސާނަކަށް އެފަދަ ގެއްލުމެއް ހިލާ ނުދޭނަމެވެ. އެމީހުން އަހަރެންނަށް ކިތަންމެ ގެއްލުމެއް ދިނަސް މިކަން އޮތީ މިހެންނެވެ.” ބައްލަވާށެވެ. އިގިރޭސިންގެ އިސްތިއުމާރު އިންޑިއާއިން ފޮހެލެވެންދެން ހަޅުތާލުކުރެއްވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބޭފަދަ އަމަލެއް ނުހިންގަވައެވެ. ނަތީޖާ އެއޮތީ ފެންނާށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ބައްޕަ ކަމުގައި ރައްޔިތުން ގާންދީ ބަލައިގަތީ އެހެންވެއެވެ. ހަމަ މިހެން 1963 ގައި ޑރ.މާޓިން ލޫތާރ ކިންގު ދެއްވި ‘އަހަރެންގެ ހުވަފެނެއް ވެއޭ’ ކިޔާ މަޝްހޫރު ސްޕީޗް ގައި ވަނީ “އަހަރެމެން އަހަރެމެންގެ އުފެއްދުންތެރި އިޙްތިޖާޖުތަށް ފުރުޅިގެން ދިޔަދީގެން ނުވާނެ ނަފްސަށް ދެވޭ އަނިޔާއަކަށް” މިހެންނެވެ. އިޙްތިޖާޖު ކުރުމަކީ އަނިޔާއާއި ބިރުދެއްކުން ނޫންކަން އެވަނީ މޫރިތި އިބާރާތް ތަކަކުން ބަޔާން ކުރައްވާފައެވެ. މިއީ މާޓިން ލޫތާރ ކިންގުގެ ނަން އެމެރިކާގެ ޤައުމީ ބަތޮލެއްގެ މަޤާމަށް އުފުލެން މެދުވެރިވި ސަބަބެވެ. މިއީ އިބުރަތް ހާސިލް ކުރަންވީ ދަރުސްތަކެކެވެ

ދިވެހިރާއްޖޭގައި މީގެ ކުރިން އަބަދުވެސް އިވޭ އަޑަކީ މުޒާހަރާއެއް ކުރާނަމަ އެއީ ވަރަށް ދަށު ދަރަޖައިގެ ޤާނޫނާއި ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި ފުލުހުން އާންމު ރައްޔިތުންނަށް އެކި ގޮތް ގޮތުން އަނިޔާ ކުރާކަމުގެ ޝަކުވާ ކޮންމެ މުޒާހަރާއަކާއި އެކު ފެންމަތިވެގެން ދެއެވެ. ނަމަވެސް މިފަހަރު މީގެ ތެރެއިން ފުރަތަމަ ބައި އެއްގޮތަކަށްވެސް ނީވެއެވެ. މީޑިއާއަށް ސަރުކާރުން އަތް ބާނާފައި ނެތުމުން ޚަބަރުތަށް ގެނެސް ދިނީ ވަރަށްވެސް އިންސާފުވެރިކޮށެވެ. މިއީ ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް މިއަދުގެ ސަރުކާރުން ކުރާ މިންނެތް މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. ކަން މިހެން އޮތް ނަމަވެސް ……………………………

މަޖިލިސް ދޮށަށް އެންމެ ފަހުން އެއްވި ފަރާތް ތަކުން ކަންކުރިގޮތާ މެދު ކޮންމެ ދިވެހި ރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހެއެވެ. މަޖިލިސް ކުރާގެއަށް މެންބަރުންވަންނަން ހުރި ހުޅަނގުފަރާތު ދޮރު ބަންދު ވާގޮތަށް މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވިއެވެ. އަދި މިވަރަކުން ފުދުނީ އެއްނޫނެވެ. ލ. އަތޮޅުގެ މެންބަރު ރީކޯ މޫސާމަނިކު މަޖިލިހަށް ވަދެވަޑައި ގެންނެވި ވަގުތު ގައިކޮޅަށް އައްލައި ގަމީހު ގިރުވާނުގައި ހިފާ އަދި ޓައީއަށް ދަމާފައި ވެއެވެ. އަދި އެޓާރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދުގެ ފަހަތުން މީހަކު އައިސް އެކަމަނާއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ދިވެހި ހިތްވަރު ގަދަ ފުލުހުން ވަނީ އެކަމަނާ ދިފާޢުކޮށްފައެވެ. ދިޔާނާ އާއި މޫސައަށް ކުރި މި ގޯނާއަކީ ދިވެހި އެންމެ ރައްޔިތުން ހަރު އަޑުން ކުއްވެރި ކުރާނެ ކަމެކެވެ. އެފަދަ ހަޑި މުޑުދާރު އަމަލުތައް މި ދީބުގައި ހިންގުމަށް މަސައްކަތްކުރި މީހުންނަށް ދިވެހިން ތާރީޚްގައިވެސް ވަނީ ޙައްޤު އަދަބު ދީފައެވެ. މިފަހަރުވެސް ރައްޔިތުންގެ އެ ހަތުރުން ހަމަ ބިމަށް ތިރިކޮށް ޙައްޤަށް ނަސްރުދޭން ދިވެހިން ނުކުންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެމް.ޑީ.ޕީ އިން މުޒާހަރާ ކުރަމުން ދިޔަ އިރު، އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ މަގުމައްޗަކަށް ނުނިކުއްނާނަމޭ ބުނީ ކޮން ޕާޓީއެއްގެ ކޮން ބައެއްކަން ދިވެހިން ދަނެއެވެ. އެދުވަހު އެއީ ޤާނޫނީ ކުށެއްކަމަށާއި އެއީ ހަޑި އަމަލެއް ކަމަށް ބުނި މީހުން މިއަދު މަގުމަތީ ބުމަރު ތަކެއްހެން އެ އެބުރެނީ ކީއްވެބާއޭ ހިތައްއަރައެވެ! ގޮތް ހުސްވީ ބާވައެވެ؟ މަގު އޮޅުނީ ބާވައެވެ؟ އަނެއްކާ މޮޔަވީ ބާވައެވެ؟ މިހިރީ ހައްތަހާވެސް ހިތަށް އަރާ ފާއިބާ ސުވާލުތަކެވެ. ފުންކޮށް ވިސްނާލުމުން ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހައިން ލިބިއްޖެއެވެ. އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ ބުނި މީހުން ނުކުމެގެން މި އެބުރެނީ ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބުވެސް ގެއްލުމުން ލިބުނު ފުން ހިތާމައެއްގެ ސަބަބުންނެވެ.

މިއަދު އިދިކޮޅު ޕާޓީ ތަކުން އެމް.ޑީ.ޕީން މި ކޮށާ ދިން ޑިމޮކްރެސީގެ ފުޅާ ތަނަވަސް މަގުން ހިގަން ވެއްޖެއެވެ. އަދި ދުނިޔޭގެ ތަޖުރިބާ ހޯދާބަލަން ވެއްޖެއެވެ. ދަސްކޮށްގެން ނުކުމެ ހަރުދަނާ ކަމާއެކީ އިދިކޮޅު ޕާޓީ ތަކެއްގެ ގޮތުގައި ޙަރަކާތްތެރި ވާންފަށައިފިނަމަ ރައްޔިތުންގެ ތާއީދުވެސް ލިބޭނެއެވެ. ނަމަވެސް ޑިމޮކްރެސީގެ އަސާސްތަކަށް ލޯމަރާލައިގެން ތިބެ ‘އަޅުގަނޑުމެން މުޒާހަރާއެއް ނުކުރާނަމޭ’ ބުނާ އުސޫލުން ކަންކުރަން ދިމާކޮށްފިނަމަ އެބަޔަކު މަޒީގެ ތެރެއަށް ގެއްލި ނިމިދާނެއެވެ.

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައިވަނީ “ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” މިހެންނެވެ. މި ޢިބާރާތް ކޮޅަށް ފުރިހަމައަށް އިޙްތިރާމް ކުރުމީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ. މާތް ﷲ އަޅުނޑުމެންނަށް ހެޔޮވިސްނުން ދެއްވާށި! އަދި ފަސާދަ ކުރާ މީހުންގެ ނުބައި ކަމުން މި ވަތަން ހިމާޔަތް ކުރައްވާ އަމާންކަންމަތީ ދިރި އުޅުމުގެ ހެޔޮ ތައުފީގު އެންމެ ދިވެހިންނަށް ދެއްވާށި! އާމީން.

(މަތީގައި އެވަނީ ދެވެހި އޮބްޒާވާގައި 3 ޑިސެމްބަރ ގައި ޝާއިއު ކުރވުނު ލިއުމެކެވެ)


ބޮޑެތި ޤުރުބާނީ ތަކާއެކު، ޤައުމު އަނބުރާ ރައްޔިތުންނަށް

November 22, 2008

anni-and-maumoon-28-october-200814th-president-orth-takinތިރީގައި މިވަނީ ދިވެހި އޮބްޒާވާ (ޑީ އޯ) ގައި 3 ނޮވެންބަރ 2008ގައި ޝާއިއު ކުރެވުނު ލިއުމެކެވެ

ދިވެހި އެތައް ރައްޔިތެއް އެތައް ޤުރުބާނީއެއް ވުމަށް ފަހު މިއަދު ވަނީ ރައްޔިތުންނަށް ނަސްރު ލިބިފައެވެ. މިއީ މުޅި ދިވެހި ޤައުމުގެ ޙައްޤުގައި ދިވެހިންގެ ހިތްވަރުގަދަ ބަޔަކު ކުރި މަސައްކަތުގެ ނަތީޖާއެވެ.

އަޅުގަނޑުގެ ހިތަށް އަންނަނީ މީގެ ތިން އަހަރު ކުރިއެވެ. މުޙައްމަދު ނަޝީދު(އަންނި) އާއި އެކު މަޖިލިސް ގެއިން ނުކުމެގެން ކައިރީ ހުރި ހޮޓަލަކަށް އަރައި ކޮފީއެއްގައި ތިބެ ދެއްކި ވާހަކައެވެ. ސަރުކާރުގެ ބާރު ކުޑަވަމުން އަންނަކަމަށާ މިކަން މަޖިލިހުގެ މެންބަރުންނާ ރައްޔިތުންގެ އެހީއާއި އެކު ނިންމާލެވޭނެކަމުގެ ޔަޤިންކަމާއެކު ދައްކަމުންގެންދެވި، ޤައުމީ ރޫހުން ފުރިގެންވާ އެ ވާހަކަ ކޮޅަކީ ދުވަހަކުވެސް ހިތުން ނުފިލާނެ އަގުހުރި ފިލާވަޅުތަކެކެވެ. ކުއްލިއަކަށް މަޖިލިސް ކުރާ ގެއިން ނުކުތީ އޭ.ޑީ.ކޭ ނާޝިދުއެވެ. ނާޝިދު ނުކުތުމާއެކު އަންނި ތެދުވެގެން ވަރަށް ބާރަށް ވަޑައިގެންނެވީ އެދިމައަށެވެ. އަދި ނާޝިދުއާއި އެތައްވާހަކައެއް ދެއްކެވުމަށް ފަހު ވަޑައިގަތީ އުފާވެރި ހަބަރަކާއި އެކުއެވެ. އެ ޙަބަރު މިނިވަން ނުހުގައި އަޅާލިތާ ދުވަސްކޮޅެއް ފަހުން ޑީ.އާރު.ޕީ ދޫކުރައްވާ އިސްލާހީ ހަރަކާތުގެ ތެރެއަށް އޭ.ޑީ.ކޭ ނާޝިދު ވަޑައިގެންފިއެވެ. އެތެރެއާއި ބޭރުގައި މިފަދަ އެތައް މަސައްކަތެއް ރޭވުންތެރިކާމާއި ހިކުމަތާއިއެކު ހިގަމުން ދިޔައެވެ.

ހުއްޓުމެއްނެތި ހިގަމުން ދިޔަ މުޒާހަރާތައް ސަރުކާރަށް މަޖުބޫރުކުރުވީ ރައްޔިތުން އެދޭ ގޮތަށް ކަން ކުރުމަށެވެ. އަންހެނުންގެ މުޒާހަރާއިން ފެށިގެން މަސްވެރިންގެ މުޒާހަރާއާ ހަމައަށް ހަމަ ގޮވުނީ އެއް ކަމަކަށެވެ. އިސްލާހުކޮށް ދޭށެވެ. އިސްލާހުކޮށް ދޭށެވެ. މި އެދުން އެދެމުން ދިޔައީ ރައްޔިތުންގެ އަރިހުންނެވެ. މުޒާހަރާތައް މަގުތަކުގައި ކުރިއަށް ދިޔައިރު ސަރުކާރުގެ މުއައްސަސާސް ތަކުގައި އިދިކޮޅު ހަރަކާތުގެ ބައިވެރިންނާ ސަރުކާރާ ދިޔައީ މަޝްވަރާ ކުރެވެމުންނެވެ. އެއްބަސް ވުންތަކެއް ކޮންމެވެސް ސިފައެއްގައި ވަމުންނެވެ.

އެކިއެކި ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނަށް މި އިސްލާހީ ހަރަކާތުގެ މެސެޖް ދެމުން ދިޔައިރު އެރައްރަށުގެ ތަރައްޤީގެ ޕްލޭންތައް ހުށަހައެޅެމުން ދިޔައެވެ. ރައްޔިތުން މި ވާހަކަތަކަށް އިޖާބަދެމުން ދިޔަނަމަވެސް ދިމާ ކުރުމާ ޤާއިކުން ވަކި ކުޑައެއް ނޫނެވެ. ނަމަވެސް އިސްލާހީ މަސައްކަތަށް ނުކުމެ ތިބި އެކަކުވެސް ފިޔަ ތިރިކޮށްލާކަށް އެއްބަހެއް ނުވެއެވެ.

ސިޔާސީ ޕާޓީއަކީ މާބޮޑު ބޭނުމެއް ހުރިއެއްޗެއް ނޫންކަމަށް ބުނަމުންދިޔަ މީހުންނަށް ފުރިހަމަ ޑިމޮކްރަސީއެއްގައި ޕާޓީގެ ދައުރު އޮޅުން ފިލުވާ ދިނުން އެއީ ނުވާނެކަމެއް ކަމަކަށް އިސްލާހުގެ އެކަކުވެސް ނުދެކެއެވެ. މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި ރީތި ގޮތުގައި ޖަދަލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށް މުޅި ދިވެހިން އެއްބަސް ކުރުވުން މީ ވަކިން އުދަގޫ ކަމަކަށްވިއެވެ. ނަމަވެސް އެއީވެސް ހަމަ ކުރެވޭނެ ކަމެއް ކަމަށް އިސްލާހީ ހަރަކާތުގެ ބައިވެރިން ދެބަހެއް ނުވެއެވެ. ދިވެހިންގެ މި ލޮބުވެރި ބިމުގައި ޑިމޮކްރަސީގެ މިއަސާސްތައް އަށަގެންނެވުމުގައި މިވެރިން ދިޔައީ ހޭބޯނުލާ މަސައްކަތް ކުރަމުންނެވެ. ގިނަވަގުތުތަކެއް އެކަމުގައި ހޭދަ ކުރަމުންނެވެ.

ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ މުހިންމުކަންދެކެ މިފަދަ ޕާޓިއެއް އުފެއްދޭތޯ ގަދަ އަޅާ ކުރެވެމުން ދިޔަ މަސައްކަތަކީ އަދި އުދަގޫ ކަމަކަށްވިއެވެ. އިދި ކޮޅު ހަރަކާތައް ސަރުކާރުގެ ބައެއް ބާރުތަކުން ބާރު ފޯރުވަމުން ދިއުމާއިއެކު މާޔޫސީކަމެއް ބައެއް މީހުންގެ މޫނުމަތިން ފެނުނު ނަމަވެސް ހަމަ ހިލާ ދުލެއް ނުދޭނަމޭ ބުނެ ޖޯޝާ ޤައުމީ ރޫޙުގައި ނުކުމެ ތިބި މީހުންނަށް ކަހާތަން ކަހައޭވެސް ހިތައް ނާރައެވެ.

ރައްޔިތުންނާ ހަމައަށް ހިޔާލު ފޯރުކޮށް ދެވެން ހުރި ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ ބޭނުމަށް އަޅުވެތި ކުރެވިފައި ވީނަމަވެސް އިސްލާހީ ހަރަކާތުގެ އެކެއްގެ އަޒުމަކަށްވެސް ބަދަލެއް ނާދެއެވެ. އެކަންކަން އިސްލާހު ކުރުމަށް ގޮވާލުމާއި އެކު އެހެން މަގެއް ހޯދައިގެން ރައްޔިތުންނާއި ހަމައަށް ދިޔައެވެ. އަދި ބޭއިންސާފު ނައްތާލުމަށް ތަކުރާރުކޮށް ގޮވަމުން ގެންދިޔައެވެ. މިނިވަން ނޫހުގެ ފުރަތަމަ އަދަދާއެކު ލިއުމުގައި އަޅުގަނޑު ކުރިޔަށް ދިޔައިރު އެންމެ ގިނައިން ކުރާ ސުވާލަކީ ތި ނޫސް ކިހާ ދުވަހަކު ހިގާނެބާ އޭ ؟ ބުނެ ކުރާ ސުވާލެވެ. މިނިވަންގެ އެއްހަރަކާތް ތެރއަކު އެދުވަސްވަރު ބުނީ ” މިނޫސް މަހެއްހާ ދުވަހު ނެރެވުނަސް ރަގަޅު” ކަމަށެވެ. އެފަދަ މާ ހައުލެއްގައި މަސައްކަތް ފެށުމާއި އެކު އެތައް ނޫހެއް ވުޖޫދައް އައިސްފިއެވެ. މުޅި ނޫސްވެރިކަމުގެ މާހައުލު ބަދަލުކޮށްލައިފިއެވެ. ޑީ އޯގެ އެތައް “ދަރިންނެއް” އުފަން ކުރުވައިފިއެވެ.

ހައްޔަރުކުރުމާ، ހަރުގެ ރޫޅުމާ އަދި އިންޒާރުތަކަށް ބިރުން ސިހި ދެތިން މީހަކު މައިތިރި ވިޔަސް ގިނަބަޔަކު ދުލެއް ނުދިނެވެ. ދޭތިން އެކެއްޗަށް ހިފަމުން ގެންދިޔައެވެ.

މިފަދަ އުދަގޫ ދަތި ގޮތަކަށް ސިޔާސީ ހަރަކާތް ހިންގަމުންއައިސް އެހަރާތުގެ ބައިވެރިން މިފަހަރުގެ އިންތިހާބުގައި ވާދަކުރީ ފުރިހަމަ ޔަޤީންކަމާއި އެކުއެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަކީ ވިސްނުންތެރި ބައެއްކަން އެގިތިބެއެވެ. އިސްލާމް ދީނުގެ މާތް މަތިވެރި އުސޫލުތަކަށް ބާރު ލިބޭނެ ކަމުގެ އުންމީދުގައެވެ. މާތް ﷲ ވޮޑިގެންވަނީ ޙައްޤުގެ މަތީގައި ތިބި މީހުންނާ އެކުގަކަން އެގިތިބެއެވެ. އަދި އެކަލާންގެ ވައުދު ފުޅު ކަމުގައިވާ، ނުހައްޤުން ގެއްލުން ލިބޭ މީހުން ގެ ދުޢާ އިޖާބަ ކުރައްވާނެ ކަމާ ޙައްޤަށް ނަސްރުދެއްވާނެ ކަމުގެ ޔަޤީން ކަމާއި އެކުގައެވެ.

އަޅުގަނޑުމެން އިތުބާރު ކުރަނީ ހަމައެކައި ﷲ އަށެވެ. އަޅުގަނޑުމެން އެދެނީ މިނިވަން ދީމިޤްރާޠީ އަދި ޤާނޫނީ ވެރިކަމެކެވެ



ޤާނުނުއަސާސީގެ ބާރު ފެންނަމުން ޤައުމު ކުރިޔަށް

October 17, 2008

އަޅުގަޑުގެ ހަޔާތުގެ މިހާ ހިސާބަށް ފެނުނު އިންތިހާބުތަކާއި ހިލާފަށް މިފަހަރު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން މުޅިންވެސް ބޭއްވިފައި ވަނީ ހިޔާލު ހޯދުމުގެ ވޯޓެވެ. މިއީ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިފަހަރެވެ. މީގެ ކުރިޔާ ހިލާފަށް ރައީސް ކަމުގައި ހުރި ބޭފުޅާއަށް ލިބިލެއްވީ 40% އެވެ. މީގެ ކުރިން އެބޭ ފުޅާއަކީ 90% އިން މަތި ހޯއްދަވާ ބޭފުޅެކެވެ. އެހެން ކަމުން މިމަހު 8 ގައި މިބޭއްވުނު އިންތިހާބަކީ ދިވެހި ތާރީހްގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު އިންތިހާބެކެވެ. އަޅުގަޑު ދެކޭ ގޮތުގައި ކުރިޔަށް މިއޮތީ ޤާނޫނުއަސާސީގެ ފަސް އަހަރެވެ. މިހެން ބުނަން މިޖެހެނީ މިފަސް އަހަރަކީ ޤާނޫނުއަސާސީއަށް ފުރިހަމަ ބާރު ދިނުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ފަސް އަހަރެވެ

ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމަށް ބާއްވަންޖެހޭ އިންތިހާބު ތަކާއި ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް ބާރުއެޅުމާއި ގާއިމް ކުރަންޖެހޭ މުހިންމު މުއައްސަސާތައް ގާއިމް ކުރުންފަދަ ކަންކަން ކުރަން އެބަޖެހެއެވެ

ޤާނޫނުއަސާސީގެ 301 ވަނަ މާއްދާގެ ދަށުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިވަނީ އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުކުރެވިފައެވެ. އެހެން ކަމުން ޤާނުނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ވާފަދައިން މިވަނީ ދެވަނަ ބުރަކަށް ދާންޖެހިފައެވެ. އެމާއްދާގައިވަނީ “ރައިސުލްޖުމްހުރިއްޔާކަމަށް މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓް އެ މީހަކަށް ލިބިގެންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓް ނިލިބިއްޖެނަމަ އެ އިންތިހާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާން ވާނެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނަށް ވޯޓް ލިބުނީ އެއް ޢަދަދަކަށް ކަމުގައިވާނަމަ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެދެ ކެންޑިޑޭޓުން އެކަންޏެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެގިނަ ވޯޓް ލިބުނީ ދެ ކެންޑިޑޭޓަކަށް އެއް އަދަދަކަށް ކަމުގައިވާނަމަ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަވޯޓު ލިބުނު ކެންޑިޑޭޓާއި ދެވަނައަށް އެންމެގިނަ ވޯޓްލިބުނު ދެ ކެންޑިޑޭޓުންނެވެ

އެހެން ކަމުން ޤާނޫނުއަސާސީގައި ވާފދައިން ދެވަނަ ބުރުގެ ވޯޓްލުން މިމަހުގެ 28ގައި ބޭއްވޭނެއެވެ. ޤާނޫނުއަސާސީ އުފެދުމަށްފަހު ކަންތައްތައް ބަދަލުވަމުން މިދަނީ ބައެއް މީހުން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އަޅުގަޑާއެކު ކިޔަވަން އުޅޭކުއްޖަކު ކައިރީ ދެވަނަ ބުރަކަށް ދާންޖެހޭނެތޯ މީގެ ތިން ހަފުތާ ކުރިން އަހާލުމުން ބުނީ ދާން ނުޖެހޭނެ ކަމަށެވެ. އޭނަ މިހެންބުނީ މަހާރުގެ ރައީސްއަށް މީގެ ކުރީ ހިޔާލު ހޯދުގެ ވޯޓް ތަކުގައި މަތީ ކާމިޔާބެއް ލިބިފަ އޮތީމައެވެ. ނަމަވެސް މިފަހަރު އެންމެ ފަރާތްތަކަށް ފެނުނީ ޤާނޫނުއަސާސީގެ ބާރެވެ. ޤާނޫނުއަސާސީގެ ދަށުން ކުޅިކުޅިއަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެ ކަމެވެ


ޤާނޫނުއަސާސީގެ ބާރު ކަޑުވާލުމުން ފައިދާއެއް ވާނެތަ؟

September 18, 2008

ޤާނޫނުއަސާސީއަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިންމު ތަބެވެ. އެތަބު ވެއްޓިއްޖެ ނަމަ ޤައުމު ވެއްޓުން އެކަށީގެން ވެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިފަދައިން އަޅުގަނޑުމެންގެ ޤައުމުގައިވެސް ޤާނޫނުއަސާސީއެއް އުފެދުމަށްފަހު މިއަދާ ޖެހެން ދެންވެސް އެއަށް ދެވިފައިވަނީ ވަރަށްވެސް މަތިވެރި މަޤާމެކެވެ. ސަމްސުއްދީން 3 ގެ ރަސްކަން ނިމުމަކަށް ގެނައީ ޤާނޫނުއަސާސީއެވެ. އަދި އެއަށްފަހު ރަސްކަން ހަމަނޭވާ ނުލައި ނޭވާހޮޅިއަށް އެޅި ނިމި ދިޔައީ ޤާނޫނުއަސާސީގެ ސަބަބުންނެވެ

މިއަދު އަނެއްކާވެސް އެތާރީހް އިއާދަ ވެދާނެތޯއެވެ؟ ހަމަޔަޤީނުންވެސް އެއްވެސް މީހަކު އެގޮތެއް ޤަބޫލެއް ނުކުރާނެއެވެ. އަޅުގަޑުމެން އެދެނީ ޤާނޫނުއަސާސީ ގައި ވާ ގޮތުގެ މަތިން ކަންކަން ހިގަމުން ދިވެހި ފޭރާން ފުރިހަމަ ވަމުން ފަރިވަމުން ދާތަން ދެކޭށެވެ

މިފަހުން ބައެއް ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބު ލަސްކުރުމަށް ވާހަކަ ދައްކަވާފައެވެ. މިހެން މިކަން ކުރުމަށް އެއްގޮތަކަށްވެސް ޤާނޫނުއަސާސީގައި ފުރުސަތު ލިބިފައެއް ނެތެވެ. ޤާނޫނުއަސާސީގެ 301ވަނަ މާއްދާގައި 10 އޮކްޓޯބަރުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާއިރު 299 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ އެންމެހައި ބައިތަކަށް ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެކަމަށް ބުނެފައި ވެއެވެ. މިދެމާއްދާއަކީ ވަކިކޮށް ނުލެވޭނެ ދެ މާއްދާއެވެ. ދެ މާއްދާއަށް އެކުގައި ބަލައި ލުމުން ފެންނަ މެސެޖް ސާފެވެ. އެއީ އިންތިހާބުވެސް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ތާރީހްގައި ބާއްވަން ޖެހޭނެ ކަމުގެ މެސެޖެވެ

ދެން އޮތް ސުވާލަކީ  އިންތިހާބު ލަސްކުރުމުން އޭގެ ފައިދާއެއް އިދިކޮޅު ޕާޓީތަކަށް ލިބިދާނެތޯ ކުރެވޭ ސުވާލެވެ. ޔަޤީންވާ ކަމަކީ މިހާރުގެ ޑީ.ޢަރ.ޕީގެ ޒައީމް ދެން މީހަކު މަޤާމާ ހަވާލުވަންދެން ދެމި ހުންނާނެކަމެވެ. ޤާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގައި ވަނީ “މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސި އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެ މީހަކު އެ މަޤާމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައިހުރި ރައީސުލްޖުމްހުރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ.” އެހެން ކަމުން އެމަނިކުފާނު ވެރިކަމުގެ ބާރު ބޭނުން ކުރަށް ވައިގެން ކެންޕޭން ކުރައްވާ އަދި އެވަރުން ނުވެގެން ދަތކޮށް އުދަގޫޖައްސަމުން ގެންދާނެއެވެ. އަދި ވަގުތު ލިބުމުން ރައިސުލްޖުމްހޫރިއްޔާއޭ ބުނެ “ދެއްކުމަށް” އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަށާނެއެވެ. އެހެންކަމުން މިކަމުގައި ދުވަސް ގިނަވުމަކުން ލިބޭނެ ވަކި ބޮޑު ފައިދާއެއް ނެތެވެ


ޤާނޫނުއަސާސީގެ ފޮނިމީރު ކަން ލިބޭނީ ރަގަނޅަށް ހިގަންފެށީމަ

September 9, 2008

މިއަދު ދެކެވެމުން ދާ އެއްވާހަކައަކީ ޤާނޫނުގެ ރޫހާ ހިލާފަށް އަދި ޙާއްސަކޮށް ޤާނޫނުއަސާސީގެ ރޫހާ ހިލާފަށް ބައެއް ކަންތައްތައް ހިގަމުން ދާ ވާހަކައެވެ. މިއީ މިއަދު މިސްނާލަން ޖެހޭ ކަމެކެވެ. އިއްޔެ ނޫން އިހައްދުވަހު ޤާނޫނުއަސާސީ އުފަންވެ ،އަދި ހިގައި ނުގަނެވިގެން އުޅެނިކޮށް މިފަދަ މައްސަލަތަކެއް ކުރިމަތި ވުމަކީ ކުރިޔަށް އޮތް ތަނުގައި ނަގައި ފާނެ ކަޅު ވިލާތަކެއްގެ ކޮޅުމަތި ކަމަށް ވުން އެކަށީގެން ވެއެވެ

އިލެކަޝަންސް ކޮމިޝަން އެކުލަވާ ލެވުނު ގޮތުން  އެމުއަށްސަސާއަކީ، ބައެއް އިދިކޮޅުފަރާތް ތަކުން ބުނަމުން ގެންދިޔައީ ޤާނޫނުއަސާސީގެ ރޫހު ގެއްލޭފަދަ ގޮތަކަށް އެކުލެވިގެން ދިޔަ މުއަށްސަސާއެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ އަމިއްލަ އެދުމުގެ ޕްރޮޕެގެންޑާތަކުގެ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. ޔަޤީންވާކަމަކި މުއައްސަސާތައް އުފެދި ހަމަޖެހި ފުރިހަމަ ރަހަލިބުމަށް އަދިވެސް ފަސްވަރަކަށް އަހަރު ނަގާނެކަމެވެ. ޤާނޫނުއަސާސީގެ ހަޤީޤީ ފައިދާ ރައްޔިތުން ނަށް ފޯރުމަށް އަދި ދުވަސް ނަގާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ

މިފަހަރުގެ އިންތިހާބަށް މަހެއްހާ ދުވަސް އޮތް އިރު ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ފިކުރު ބަހައްޓަވަންވީ ރައްޔިތުންނާ ހަމައަށް ޤާނޫނުއަސާސީ ގެނެސް ދިނުމަށެވެ. ރައްޔިތުންނަށް އޭގައިވާ ފޮނިކަމާ މީރުކަން ލިބޭނެ ގޮތްތައް ބުނެދީ އެއަށް އަހުލުވެރި ކުރުވުމަށެވެ

އާންމުން މިއަދު ވިސްނަންވީ މިވޯޓަކީ ޤާނޫނުއަސާސީގެ ބާރާ ޝައުނާ ޝައުކަތު ދަމަހައްޓާނެ އެއްޗަކަށް ހެދުމަށެވެ. ވޯޓު ދިނުމުގެ ޙައްޤު އެއްވެސް ބޭފުޅަކު ދޫކޮށް ލުމަކީ ޤައުމަށް ދެވޭނެ ވަރަށް ބޮޑު ދެރައެކެވެ

ކުރިޔަށް ހުރި އިންތިހާބުތައް ނިމި ޤައުމު ހަމަޔަކަށް އެޅުމުން ފެންނާނީ މުޅިން އާ މަންޒަރެކެވެ


އާޤާނޫނުއަސާސީގެ ދަށުން މައުމޫނު ފެއިލްކޮށް ލެވިދާނެ

August 19, 2008

އާޤާނޫނުއަސާސީގެ ދަށުން މައުމޫނަށް ކުރިމަތި ނުލެވޭނެ ފުރިހަމަ މަގެއް ފެންނަން އެބައޮތެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކާއި ފަރުދުން ގުޅިގެން މިކަން ކާމިޔާބު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އިއްތިގާލީ މަރުހަލާގައި އުފައްދަން ޖެހޭ މުއައްސަސާސްތައް މެދުވެރިކޮށް މައުމޫނަށް ކުރިމަތި ނުލެވޭނެ ގޮތް ފެންނަން އެބައޮތެވެ. މިކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރުމަށް ގެންގުޅުނު ފަދަ ހިކުމަތު އަމަލީއެއް ގެންގުޅެން ޖެހެއެވެ.

މައުމޫން ފެއިލް ކޮށްލެވޭނެ ފުރަތަމަ މަރުހަލާއަކީ އިލެކްޝަންސް ކޮމިޝަންގެ ހަރުފަތެވެ. އެހަރުފަތުގައި މިހާރު ހާލަތު އޮތް ގޮތުން މައުމޫނަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަކީ އުދަގޫކަމަކަށް ނުވާނެއެވެ. ޤާނޫނުއަސާސީގެ އިއްތިޤާލީ ބާބުގައި ވާގޮތުން މި ކޮމޝަންގައި ތިބެންވާނީ އިންތިހާބު ބޭއްވިފައިވާ 5 ޕާޓީއެއްގެ މެންބަރުން ނެވެ. ކޮންމެ ޕާޓީއަކުން ހުށަހެޅޭނީ އެންމެ މެންބަރެއްގެ ނަމެވެ. ކޮންމެ ޕާޓީއަކުންވެސް އެނަމަކަށް މަޖިލިހުގެ 3/2 ހޯދަން ޖެހެއެވެ. މިއީ އެއްވެސް ޕާޓީއަކަށް ހޯދޭނެ މިންވަރެއް ނޫނެވެ. ދެންޖެހޭނީ އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރާށެވެ. މިގޮތުން ޑީ.އާރު.ޕީ ، ޖުމްހޫރީ ޕާޓީ، އެމް.ޑީ.ޕީ، ޕީޕަލްސް އެލަޔަންސް އަދި ލިބަރަލް ޕާޓީ އެއްބަޔަކު އަނެއްބަޔަކު މަޖިލިހުގައި ދޫކުރަން ޖެހެއެވެ. ދުކޮށްގެން މެނިވީ އެއްވެސް ޕާޓީއަކަށް 3/2 ނުލިބޭނެއެވެ. އެހެންކަމުން ޑީ.އާރު.ޕީއަށް މަޖުބޫރު ވެގެން ދާނީ ދެންއޮތް ޕާޓީތަކުން ހުށަހަޅުއްވާ ނަންތަކަށް ތާއީދު ކުރާށެވެ. ނުކޮށްފިނަމަ ޑީ.އާރު.ޕީން ހުށަހަޅާނަމެއް އެހެން ޕާޓީތަކުން ފެއިލް ކޮށްލާނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ 5 މެންބަރުންގެ ތެރއިން މަދުވެގެން 3 މެންބަރުންނަކީ މައުމޫނާ ދެކޮޅު މީހުންނަށް ވެގެން ދާނެއެވެ.

މިހެން ވުމުން އެކޮމިޝަނަށް ނަން ހުށަހެޅުމުން ބައްލަވަން ޖެހޭ ކަންތައްތައް ބެއްލެވުމަށް ފަހު އާޤާނޫނުއަސާސީގެ ދަށުން މައުމޫނަށް ކުރިމަތި ނުލެވޭނެކަމަށް ނިންމުމުގެ ބާރު އެކޮމިޝަނަށް ލިބުނީއެވެ. މިހެން މިކަން ކުރުމުން ދެން މައުމޫނަށް މަޖުބޫރު ވެގެންދާނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާށެވެ.

ސްޕްރީމް ކޯޓަށް ވެގެން ދާނެ ގޮތަކާއި މެދު ސުވާލު އުފެދެއެވެ. އެހެންނަމަވެސް އާ ޤާނޫނުއަސާސީގެ ދަށުން ޖުޑިސިއަލް ސާވިސް ކޮމިޝަންގެ މަޝްވަރާއާއި މަޖިލިހުގެ ރުހުން ސުޕްރީމް ކޯޓް އުފައްދާއިރު ބޭނުންވާތީ، އިދި ކޮޅު ޕާޓީ ތަކަށް އެ ކޯޓަށް އައްޔަން ކުރެވޭ މެންބަރުން ވަކި ހަމަޔަކުންބަލާ ކޮންޓްރޯލް ކުރެވިދާނެއެވެ. ކުރެވިއްޖެނަމަ……… ހޯހޯ ގޮވަމުން މައުމޫން ޖެހޭނީ ދުވާށެވެ.


ޕޮލިސް ޤާނޫނު: ޤާނޫނުއަސާސީގެ ބާރުކަޑުވާލުން

August 12, 2008

23 ޖުލައި 2008ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ޕޮލިސް ޤާނޫނު (2008/5)އަކީ ޤާނޫނުއަސާސީގެ ބާރުކަޑުވާލުމަށް ބޭނުން ކުރެވިދާނެ ވަސީލަތެކެވެ. ސަރުކާރަށް އެ ޤާނޫނުގެ ވަރަށް ގިނަ މާއްދާތަކެއްގެ ބޭނުން ޤާނޫނުއަސާސީގެ ބާރު ކަޑުވާލުމަށް ހިފިދާނެއެވެ. މިހާތަނަށް ކަން ހިގަމުން އައިސްފައިވާ ގޮތަށް ބަލާއިރު މިއީ ހަމަވުން އެކަށީގެންވާ ކަމެކެވެ.

އެޤާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ވަނީ “މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ފިޔަވަޅެއް އެޅުމަކާނުލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެއްވެސް މަގެއް ނުވަތަ ސަރަޙައްދެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިނގާނަމަ ނުވަތަ ހިނގާފާނެކަމަށް ޤަބޫލުކުރޭނަމަ، އެ މަގެއް ނުވަތަ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެމަތިން މެނުވީ އެއްވެސް މިހަކު ނުވަތަ ބަޔަކު އެ މަގަށް ނުވަތަ އެ ސަރަޙައްދަށް ނުވަނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.” މި މާއްދާގައި ބަޔާންވެފައި މިވާ ބާރުގެ ބޭނުންކޮށް ޤާނޫނުއަސާސީގެ އަސާސީ ޙައޤުތަކާއި މިނިވަންކަމާ ބެހޭ ބާބުގައިވާ ޙައްގުތަކެއް ނިގުޅައި ގަތުމަށް ސަރުކާރުން މަސަތްކަތް ކޮށްފާނެ ކަމަށް ޓަކައި އަޅުގަނޑުމެން ތިބެންވާނި ތައްޔާރަށެވެ. ސަރުކާރުން މީގެކުރިން ވެސް ވަނީ މިފަދަ ނޭންގާނީ އަމަލުތައް ހިންގާފައެވެ.

މިޤާނޫނުގެ 13ވަނަ މާއްދާގެ (ހ)ގައި ވަނީ ” މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ބާރާއި އިޚްތިޠާރު ލިބިގެންވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީއާއި ފުލުހުންގެ ދައުރަށް ނިސްބަތްވާ އެހެން ޤާނޫނުތަކާއި ގަވާއިދުތަކާ، ޤާނުނީ ނުވަތަ ޝަރްޢީ އަމުރުތަކުގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ.” އެހެން ކަމުން ސަރުކާރަށް ވެސް ޤާނުނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ނިގުޅިގެން ދާފަދަ ގޮތަކަށް މި ޤާނޫނުގެ ބޭނުން ހިފުމަކި ޤާނޫނުގެ ދަށުންވެސް ހުއްދަވާނެ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން މިބާރު ރައްޔިތުންގެ އަތުން ނިގުޅައި ގަތުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޤާނޫނުއަސާސީގެ 32 މާއްދާގެ (ޅ)ގައި ވަނީ “ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” އެހެންކަމުން އެއްވެސް ގޮތަކުން ސުލްހަވެރި މުޒާހަރާއެއް ނުވަތަ އެއްވުމެއް ހިގާތަނެއް ނުވަތަ ހިންގަފާނެ ކަމަށް ތަނެއް، ބަންދުކޮށް އެސަރަހައްދަން މީހުން ވަނުން މަނާކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ.

ހަމައެހެންމެ ޕޮލިސް ޤާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައިވަނީ “ޤާނޫނުގައިވާ ގޮތުގެ މަތިން މީހުން ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ ހައޔަރުކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި…….، ޖިނާއީ ކުށުގެ ޢަމަލުތައް ތަޙުޤީޤުކުރުޟާއި ހައޔަރުކުރެވޭ މީހުން ތަޙުޤީޤަށް ބަންދުކުރުމުގެ ބާރާއި ބަންދުގައި ދެމެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.” މިއީވެސް ސަވާލުވާން ޖެހޭފަދަ ގޮތަކަށް އޮތް މާއްދާއެކެވެ. ޤާނުނުއަސާސީގައި ބަޔާންވެފައިވާ ހިފާ ހައްޔަރުކުރުމުގެ ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ސަރުކާރުން މިވަގުތު މަސައްކަތް ކުރުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވަނީ “ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށިގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މިހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.” އެކަމުން ސަރުކާރުން ހަމަ ބޭނުންވާއިރަށް ހިފާ ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ވަނީ “… ރައްޠިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނަވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދިމިޤްތާޠީ މުޖުތަމަޢެއްގައި މިފަދަ ހައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤބުލުކުރވޭ މިންވަރަކަށެވެ.” އެގިފާޅިވާން އޮތް ކަމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމައެއްގައި ސުލްހަވެރި އެއްވުންތަކާއި މިޒާހަރާތަކަށް ހުރަސް ނާޅާކަމެވެ. އަދި ސަރުކާރުން ބޭނުންވާހާ ވަގިތަކު އަދި ކަމަކު އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭނެއެވެ.

މިހެން މިކަންތައްތައް އޮތުމުން އަޅިގަޑުމެން ތިބެންވާނީ ސަރުކާރުން މިވަގުތު ކުރަމުންދާ ކަންކަމަށް ފާރަލައިގެންނެވެ. އަދި މިހައްޤުތަކުން ބޭރުން ކުރާއެއްވެސް އަމުރަކަށް ކިޔަމަން ނުވެ ޤާނޫނުއަސާސީގެ ބާރު އެއަށް ދިނުމީ ހަމަ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ.


ޤާނޫނުއަސާސީ ތަސްދީޤް ކުރުމުން ދެންވާނީ ކިހިނެއް؟

August 8, 2008

އާ ޤާނޫނުއަސާސީ ތަސްދީޤުކުރެއްވުމާއި އެކު މިއަދު އުފެދެމުންދާ ސުވާލަކީ، ވާންމިއުޅޭ ގޮތާމެދު ކުރެވޭ ސުވާލެވެ. ނޫ ޤާނޫނުއަސާސީގައި ނެތް އެތައް ޙައްޤުތަކަކާއި ބާރުތަކެއް ރައްޔިތުންނަށް ލިބިދިން ހިދު ރައްޔިތުން ނަށް އެޙައްޤުތަކާއި ބާރުތައް ޤާނޫނުއަސާސީގައި ވާފަދައިން ފޯރުކޮށް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އެޅިގެން ދާނެތޯއެވެ. ދައުލަތް ހިންގުމުގެ ނިޡާމަށް ބޮޑަތި ބަދަލުތަކެއް އައިސްފައިވާ ހިދު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތް ކުރެވޭތޯއާއި ކުރެވިދާނެތޯވެސް ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ.

ރައްޔިތުން މިއަދު ކުރަމުންދާ އެންމެ ބޮޑު ސުވާލަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމަށް ކުރިމަތިލެއްވޭނެތޯ ކުރާ ސުވާލެވެ. މިކަމާ މެދު ޤާނޫނީ މާހިރުން “އާއެކޭ” އަދި “ނޫނެކޭ” ވެސް ބުނަމުން އެބަގެންދެވެ. މިމަޢުލޫއަށް އަޅުގަޑުއެތައް މައުލޫމާތެއް އެއްކޮށް މަޝްވަރާކުރީމެވެ. ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ބޭއްވި ބަހުސްގައި އަޅުގަނޑު ބުރަވީ އާޤާނޫނުއަސާސީ ކޮޅަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ މުހިންމު ނުކުތާއަކީ ސާދަވަނަ ބާބު (އިއްތިޤާލީ ކަންކަމާބެހޭ ބާބު)ގައި މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއި އެކު ނޫ ޤާނޫނުއަސާސީ އުވިގެންދާނެ ކަމަށް ބަޔާން ކުރެވިފައިވެއެވެ. އެބާބުގެ 293 ވަނަ ނަންބަރުގެ (ށ)ގައި ވަނީ “މިޤާނޫނުއަސާސީއަށް އަމަލުކުރާން ފެށުމުން 1 ޖަނަވަރީ 1998ގައި ޢަމަލުކުރާން ފަށާފައިވާ “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ” އުވުނީއެވެ.” މީގެ މާނައަކީ ނޫ ޤާނޫނުއަސާސީ މުޅިން އުވި މުޅިން އާ ޤާނޫނުއަސާސީއެއް އުފެދުމެވެ.

މިއާއި ދެކޮޅު ހައްދަވާ ބޭފުޅުން ދައްކަވާ ވާހަކައިގައި މުހިންމު ނުކުތާއެއް އެބައޮތެވެ. ލިބަރަލް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ޤާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ :

“ރައީސް މައުމޫނަކަށް ކުރިމައްޗެއް ނުލެވޭނެ. ސަބަބަކީ އެމަނިކުފާނު 5 އަހަރުގެ ދެދައުރު ވެރިކަން ކުރައްވައިފި. ދެން ވިދާޅުވަނީ މިއީ އާޤާނޫން އަސާސީއެކޭ. އެއީ ހަޤީގަތެއް ހުރި ވާހަކައެއް ނޫން. މިއީ އާ ޤާނޫން އަސާސީއެއް ނޫން. އިސްލާހުކުރި ޤާނޫން އަސާސީއެއް. އިސްލާހުކުރި ޤާނޫން އަސާސީއެއްކަމަށް ދޭހަވާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ މަޖިލީހަށް ހަވާލުކުރެއްވި މަސައްކަތަކީ ޤާނޫން އަސާސީ އިސްލާހުކުރުން. އެހެންކަމުން ޚާއްޞަ މަޖިލީހުން ކުރެއްވީ އެމަސައްކަތް. އާޤާނޫން އަސާސީއެއް ހެދުމުގެ މަސައްކަތް ހަވާލުކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ. އެކަމަކު މިފަހަރު ޚާއްޞަ މަޖިލީހާ ހަވާލުކުރެއްވީ އިސްލާހުކުރުމުގެ މަސައްކަތް. ހަވާލުކުރި މަސައްކަތް ނޫން މަސައްކަތެއް ކޮށްފިއްޔާ ތަސްދީޤްކޮށްގެން ނުވާނެ. ތަސްދީޤް ކުރެއްވީމާ އެބައެނގޭ އެމަނިކުފާނު ހަވާލުކުރެއްވި މަސައްކަތް ކުރެއްވީމާކަން އެޤަބޫލުކުރެއްވީ. އެހެންވީމާ މިއީ ހަމަ މިހާރުވެސް އޮތް ޤާނޫން އަސާސީ އިސްލާހު ކުރެއްވީ” މިއެވެ. މިއީ ޤާނޫނީ ގޮތުން ބާރުހުރި ބުނުއްވުމެކެވެ. އެހެން ނަމަވެސް މަތީގައި ބަޔާންވެދިޔަ ސަބަބަށް ޓަކައި އަޅުގަނޑުގެ ނަޡަރުގައި މިޤާނުނުއަސާސީއަށް އިސްލާހުކުރވުނު ޤާނޫނުއަސާސީއެކޭ ނުބުނެވޭނެއެވެ. މި ގޮތަށް މިނިންމުން ނިންމާފައިވަނީ ރައްޔިތުންގެ ޙާއްސަ މަޖިލިހުންނެވެ. ރައްޔިތުންގެ ޙާއްސަ މަޖިލިހަކީ ދިރިދިރި އޮތް ޤާނޫނުއަސާސީއަކަށް ވީހިދު އެމަޖިލިހުން ނިންމާ ނިންމުމަކީ ޤައުމުގެ އެންމެ ބާރުގަދަ ނިންމުމެވެ.

މިކަން އަމަލިގޮތުން ދާނެގޮތަށް ބަލާލާއިރު މައުމޫނަށް ކުރިމަތި ނުލެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ މިމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައި އެކޯޓުން ނުލެވޭނެ ކަމަށް ނިންމުމެވެ. ޤާނޫނުއަސާސިއިން ވަރަށް ސާފުކޮށް އެގޭ ގޮތުގައި ސްޕްރީމް ކޯޓަށް މެންބަރުން ހުށަހަޅުއްވަނީ މައުމޫނެވެ. ނަންބަލައި ގަންނަނީ ރައްޔިތުންގެ މަޖިލިހުންނެވެ. މައުމޫނަށް ކުރިމަތި ނުލެވޭގޮތަށް ނިންމަފާނެހެން ހީވާ އެއްވެސް މީހެއްގެ ނަމެއް މައުމޫން މަޖިލިހަކަށް ނުފޮނުއްވާނެވެ. އެހެން ކަމުން މިއީ އިތުރު ސުވާލެއް އޮތް ކަމެއް ނޫނެވެ.

ދެން އުފެދޭ ސުވާލަކީ އިއްތިގާލީ މަރުހަލާއި އުފައްދަންޖެހޭ މުއައްސަސާސްތައް އުފައްދައި މިނިވަން އިންތިހާބަކަށް މަގުފައި ކުރވިދާނެތޯ ކުރވޭ ސުވާލެވެ. މިހާރުވެސް މިވަނީ ވަގުތު ކުޑަތަންވަޅު ވެފައެވެ. ޤާނޫނުއަސާސީގައި ވާގޮތުން 10 އޮކްޓޯބަރ 2008 ގެ ކުރިން ހުރިހާ ޕާޓީތައް އެކުލެވޭ އިންތިޙާބެއް ބޭއްވެން ޖެހެއެވެ. އާޤާނޫނުއަސާސީގެ 301 ވަނަ އަދަދުގެ (ހ)ގައި ވަނީ “މިޤާނޫނުއަސާސީގެ ދަށުންބާއްވާ ފުރަތަމަ ރިޔާސީ އިންތިޙާބު 2008 އޮކްޓޯބަރ 10ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާން ވާނެއެވެ.” މިފަދަ އިންތިޙާބެއްގެ ކުރިން އިލެކްޝަންސް ކޮމިޝަން އުފައްދާ އިންތިހާބާބެހޭ ޤާނޫނުތައް ނިންމަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަން އުފެއް ދުމަކީ އުދަގޫކަމަކަށް ވެގެންދާނެވެ. ސަބަބަކީ މިކޮމިޝަނުގައި ތިބެން ޖެހެނީ ކޮންމެ ޕާޓީއަކުން މީހެކެވެ. އަދި ފުރުސަތު ލިބިގެން ދަނީ މަޖިލިހުގައި އެންމެ ގިނަ ވޯޓުލިބޭ ފަސް ޕާޓިއަށެވެ. މިކަމުގައި ބޮޑު ވާދަވެރި ކަމެއް އުފެދިގެން ދާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

މިއަދު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީގެ 14 ވަނަ ބާބު (އިންތިޤާލީ ކަންތައްތަކާބެހޭ ބާބު) ގެ “އިލެކްޝަން ކޮމިޝަން” މިމާއްދާގެ (ހ) ގައި ބަޔާންކުރައްވާފައިވަނީ ” މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ ތާރީޚުންފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، މިބާބުގައިވާ ގޮތުގެމަތިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަނެއް ޢައްޔަން ކުރަންވާނެއެވެ.) މިހެންނެވެ. (ށ) ގެ 1 ގައި ވަނީ “1. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން ޢައްޔަން ކުރުމަށްޓަކައި ކޮންމެ ސިޔާސީ ޕާޓީއަކުން އެއް ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.” މިހެންނެވެ. (ށ) ގެ 2 ގައި ވަނީ “2. ސިޔާސީ ޕާޓީތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ޢައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ހޮވޭ ފަސް މީހެކެވެ” މިހެންނެވެ

އިލެކްޝަންސް ކޮމިޝަނާ އެއްވަރަށް މިވަގުތު މުހިންމު އަނެއް މުއައްސަސާއަކީ ސްޕްރީމް ކޯޓެވެ. ސަބަބަކީ ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތައް އިންތިހާބާއި ގުޅިގެން ނުކުމެގެން ދާނެއެވެ. މައުމޫނަށް ކުރިމަތި ލެވޭނެތޯ ބެލުމަށް އެކޯޓަށް ހުށަހެޅުމަކީ ވަރަށް ކައިރިކަމެކެވެ. ޤާނޫނުއަސާށިގައިވާގޮތުން ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ 40 ދުވަހުގެ ތެރޭގައި ކޮމިޝަން އެކުލަވާލަންވާނެއެވެ. ސްޕްރީމް ކޯޓަށް މެންބަރުން އައްޔަންކުރުމުގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަންގެ ދައުރެއް އޮންނަން ޖެހެއެވެ. އަދި އެ ކޮމިޝަން އެކުލަވާލުމުގައި ސްޕްރީމް ކޯޓްގެ ދައުރެއް އޮންނަންޖެހެއެވެ. .


ޤާނޫނުއަސާސީ ތަސްދީޤް ކުރައްވައިފި- ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެއް

August 7, 2008

ރަތްއިތުންގެ ޙާއްސަ މަޖިލިސް އެއްކުރިތާ 3 އަހަރާ 11 މަހާ 7 ދުވަހުގެ ދިގުމުއްދަތަކުން ނިންމާލެވުނު އާޤާނުނު އަސާސީ މިއަދު ތަސްދީޤުކުރައްވައިފިއެވެ. ޤާނޫނުއަސާސީ ރައްޔިތުންގެ ޙާއްސަ މަޖިލިހުން ނިންމަވާލެއްވީ 26 ޖޫން 2008 ގައެވެ. އެއަށްފަހު ޙާއްސަ މަޖިލިހުގެ ރައީސް ޤާސިމް އިބްރާހިމް އާ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ. ފޮނުއްވުމަށްފަހު ތަސްދީޤު ނުކުރައްވާ ގިނަދުވަސްތަކެއް ދިއުމަށްފަހު މިއަދު ޤާނޫނުއަސާސީ ތަސްދީޤުކުރެއްވިއެވެ. މިކަމުގެ މުހިންމު ކަމަށްޓަކައި މިއަދަކީ ބަންދު ދުވަހެއްކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.

ހޫނު ބަހުސްތަކާއި އެކުވެރި މަޝްވަރާތަކަކުން އުފެދި އެކުލެވިގެން މިއައި ޤާނޫނުއަސާސީ އުފެދުމުގެ މަރުހަލާތަކުގައި ތަފާތު ސިޔާސީ ހަރަކާތްތަކެއް ހިގަމުން ދިޔައެވެ. ޤާނޫނުއަސާސީ މުޅިން ނިންމާލެވުނީ ތިން ރައީސް މަޖިލިހުގެ ރައީސްގެ މަޤާމަށް އައުމާއި މުޒާހަރާތަކާއެކުގައެވެ. ފުރަތަމަ ރައީސްގެ މަޤާމް ފުރުއްވީ އަބްދުﷲ ހަމީދެވެ. އެއަށްފަހު އައްބަސް އިބްރާހީމެވެ. އައްބާސްގެމަށްޗަށް އިތުބާރުނެތް ކަމުގެ ވޯޓް ދެފަހަރު މަތިން ނެގިގެން ދިޔައެވެ. ދެވަނަ ފަހަރު މިވޯޓްގައި އައްބާސް ސަލާމްތްވެ ވަޑައިގަތި މަހަކިރިޔާއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނަށް މަޖުބުރުވެ ވަޑައިގަތީ އިސްތިއުފާ ދެއްވާށެވެ. އެއަށްފަހު އެމަޤާމާއި ހަވާލުވެ ވަޑައިގަތީ އދ ގެ މެންބަރު ޤާސިމް އިބްރާހިމްއެވެ. ޤާސިމްގެ ރައީސްކަމުގައި މަޖިލިހުގައި ކަންތައްތައްގެންދެވީ ވަރަށް ހިކުމަތްތެރި ގޮތެއްގައްގައެވެ. މިގެއިތުރުން ޤާނޫނުއަސާސީ އަވަސްކުރުމަށާއި ރައްޔިތުންގެ ޙައްޤުތައް އޭގެ ގޮތުގައި ދެމެހެއްޓުމަށް މުޒާހަރާތަކެއްވެސް ކުރެވިގެން ދިޔައެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޤައުމީ އިއްތިހާދުން ޤާނޫނުއަސާސީ ތަސްދީގު ކުރުމަށް އެކިގޮތް ގޮތުން ފިއްތުމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީ އަބުރާ ނުފޮނުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީވެސް މިވަގުތު ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ޤައުމީ އިއްތިހާދުގައި ހިމެނޭ ފަސް ޕާޓީގެ އެންމެ އިސްވެރިންނާއި ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ގަޑުވަރު(ތީމުގެ) ދޮށަށް އެއްވެ އަބުރާ ނުފޮނުވުމަށް ގޮވާލެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީ އަބުރާ ނުފޮނުއްވާ ގޮތަށް ނިންމިއެވެ.

އެއަށްފަހު މިމައްސަލާގައި އަމަލުކުރާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލިހުގައި މަޝްވަރާވެސްކުރެއްވިއެވެ.

އިސްލާޙްކުރެވުނު ޤާނޫނުއަސާސީ ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަޒީރުންގެ ކޮމިޓީގެ ރިޕޯޓާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ރިޕޯޓާއި ބެހޭގޮތުންވެސްއެދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، ވަޒީރުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ހުށަހެޅުއްވިކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.
ވީއެންމެ އަވަހަކަށް ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވަން ބޭނުންފުޅުވާ ކަމަށް މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއިއެކު 23 ޖުލައި ގައި އިންފޮމޭޝަން މިނިސްޓަރ އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގުގައި މިޤާނޫނުއަސާސީ ޖުލައި 30ގައި ތަސްދީޤް ކުރައްވާނެ ކަމަށް ލިއުއްވިއެވެ. މިލިއުމާއި ގުޅިގެން ރައްޔިތުންގެ އުންމީދުތައް އާވެގެން ދިޔައެވެ. ސަބަބަކީ އެމަނިކުފާނަކީ ސަރުކާރުގެ ނިންމުންތަކުގައި މިވަގުތު ‘މުހިންމު ދައުރެއް’ އަދާކުރައްވާ ބޭފުޅެއްކަމަށްވާތީއެވެ.

29 ޖުލައި 2008 ވަނަ ދުވަހު ރައީސުލްދުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ނޫސްވެރިންގެ ބައްދަލުވުމެއްބާއްވާ އޮގަސްޓް 7ގައި ޤާނޫނުއަސާސީ ތަސްދީގު ކުރައްވާނެ ކަމަށްވެއެވެ. މިއީ ފިއްތުންތަކާއި ޕްރެޝަރުގެ ސަބަބުން ނިންމި ނިންމުމެކެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިފައި މިވަނީ ވަރަށް މުހިންމު ޒިންމާއެއްކަމަށް ވިދާޅިވިއެވެ. އަދި ބައެއް އިދިކޮޅު ޕާޓީތަކުން ބުނާފަދައިން މިއީ ހަމައެކަނި ރަމްޒިކަމެއް ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނު ތަސްދީޤުކުރެއްވުމުގެ ކުރިން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އީޔޫއިން މިކަމުގައި ޕްރެސް ރިލީސްއެއް ނެރުމުގެ އިތުރުން މުޅިދުނިޔެ މިކަމަށް ޙާއްސަ ސަމާލުކަމެއް ދެއްވިއެވެ. ރައީސްގެ މިބައދަލުކޮށްލެއްވުމުގައި އީޔޫއިން ނެރުނު ބަޔާނަކީ ވަރަށްތާކުންތާކުނުޖެހޭ ގޮތަކަށް ކޮށްފައޮތްކަމެއް ކަމަށް ވިދާޅުވިއެވެ. ( މިއީ މައުމޫން ވިދާޅުވި ވަރަށް “ހަމަޖެހޭ” ބަސްފުޅެކެވެ.)

މިއަދު ހެދުނު ދިހައެއް ޖެހިއިރު ދަރުބާރުގޭގައި ބޭއްވި ދަރުބާރެއްގައި ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީ ތަސްދީޤުކޮށްދެއްވިއެވެ. މިޖަލްސާގައި ރައްޔިތުންގެ ޙާއްސަ މަޖިލިހުގެ އެންމެހާ މެންބަރުން ނާއި ސިޔާސީ ބައެއް ޕާޓީ ތަކުގެ ވެރިންނާއި ސަރުކާރުގެ އިސްފަރާތްތައް ބައިވެރިވެ ވަޑައި ގަތެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައި ގަތެވެ.

ދިވެހި ރާއްޖޭގެ ޙަބަރުފަތުރާ ވަސީލަތްތައް ހުއްޓުވާލެވިފައިވަނީ މިކަމަށެވެ. މާދަމާގެ އުންމީދީ ޝުއޫރުތަކުން ޤައުމުގެ ހިތާއި ފިތް ދިޔައީ އެއް ވިންދެއްގައި ބަދެވިތިބެ ހަރަކާތްތެރި ވަމުންނެވެ. ޤައުމީ ޓީވީއާއި ރޭޑިއޯ އަދި އެހެނިހެން ހަބަރުފަތުރާ ވަސީލަތްތަކުން ޤައުމުގެ ހިތްތައް ބަދެލާ ރޫހާއި ޖޯޝްއިން ޖައްވު ގުގުމާލިއެވެ.

ޤާނޫނުއަސާސީ ތަސްދީޤު ކުރެއްވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ޤައުމާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި މިހިދު ކޮޅުގައި މުޅިޤައުމުގެ ކޮންމެ މީހަކު ބައިވެރިވެ ވަޑައި ގަތުމަށް ގޮވާލެއްވިއެވެ. އަދި މިއީ ދިވެހި ރާއްޖެ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް އާމަރުހަލާއަކަށް ގެންގޮސް އަންއަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭނެ މަތިވެރި ދުސްތޫރެއްކަމަށް ވިދާޅުވިއެވެ. އެކަކުއަނެކެއްގެ އިހްސާސްތަކަށް ބަލައިގެން މަސައްކަތް ކޮށްގެން މެނުވީ ފުރިހަމަ ދިމޮކްރަށިއަކަށް ނުދެވޭނެ ކަމަށާއި މި ޤާނޫނު އަސާސީގެ ސަބަބުން އަމިއްލަ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތުވެރިވާނެކަމަށާއި ޤައުމުގެ މަސްލަހަތާއި ޝަރަފަކީ ހަމަކޮންމެ މީހެއްގެ ކަމެއްކަމަށް ވިދާޅިވިއެވެ. އަދި އެންމެ ބޭފުޅުން ރަސްމިއްޔާތުގައި ބައިވރިވެ ވަޑައިގެންނެވީތީ ޝުކުރުދަންނަވަމުން ފުރިހަމަ ޑިމޮކްރަސީއެއްގައި ހިޔާލްތަފާތުތަކާއި އެކުވެސް ޤައުމުގެ މަސްލަހަތު ކުރިޔަށްނެރެ ބަދަލަށާއި އިސްލާހަށް އަބަދުވެސް މަރުޙަބާ ކިޔަން ޖެހޭނެ ކަމަށް ވިދާޅިވިއެވެ. ހަމައެންމެ މިއަދު އަޅުގަޑުމެން މިނަގުލުވާ ނިޡާމަކީ ޒަމާނީ ޑިމޮކްރަސިއަށް ވާސިލްކޮށްދޭނެ ނިޒާމެއްކަމާއި ހަޤީޤީ މަސައްކަތް އޮތީ ކުރިޔަށް ކަމަށާއި ޤާނޫނުއަސާސި ތަސްދީޤު ކުރިމާއިއެކު ކުރިމަތިވާ ގޮންޖެހުންތައް ނައްތާލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުރާނުގެ ވާހަކަ ފުޅައްފަހު ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީ ތަސްދީޤުކޮށް ދެއްވިއެވެ. އެއަށްފަހު ހަތް ބަޑިގެ ސަލާމެއްއަރުވާ ޤައުމީ ސަލާމް ކިއުނެވެ. މީގެފަހުން އޮތީ ޤާނޫނުއަސާސީ ތަސްދީޤްކުރެއްވުމުގެ ޤަރާރު ޤައުމަށް އިއްވުނެވެ. އެއަށްފަހު ޙާއްސަ ދުޢާއެއް ކުރައްވާ ދަރުބާރު ނިންމާ ލެއްވީ ޤައިމީ ސަލާމުންނެވެ.

މިޤާނޫނުއަސާސީ ތަސްދީޤު ކުރެއްވުމާއިއެކު ކުރަންހުރި ކަންތައްތައް ވަރައްވެސް ގިނައެވެ. ތިން އިންތިހާބު މިވަނީ ބާއްވަންޖެހިފައެވެ. މުސްތަގިއްލު ކޮމިޝަންތަކާއި މުއަށްސަސާސްތައް އެކުލަވާލަންޖެހެއެވެ. މިއި ގިނަ ވަގުތުތަކަކާއި ހަކަތަ ބޭނުންވާނެ ކަމެކެވެ. މީގެ ކުރިންވެސް ދިވެހިންވާނީ ޤައުމީ މިފަދަ ބޮޑަތި ކަންކަން ވަރަށްފުރިހަމަޔަށް ނިންމާފައެވެ. މިފަހަރުގެ މި ގޮންޖެހުމާއި ކުރިމަތިލައި ކާމިޔާބާއި ފާގަތިކަން ހޯދުމަކީ ޝައްކެއްނެތް ގޮތުގައި ދިވެހިރައްޔިތުންކުރާނެކަމެކެވެ.

“ތަނުގެ ޙާލަތު ބަދަލުކުރުމަށް ޢަޒުމުގައި

ތަނުގެ އެންމެން ތެދުވުމަށް މިގޮވާލަނީ”

މިދެއްވި މަތިވެރި ކާމިޔާބަށްޓަކައި ﷲއަށް ހަމްދާއި ޝުކުރުކުރަމެވެ. މިއަޅާމެނަށް ޑިމޮކްރަސީގެ މަގުގައި އިސްލާމީ އުސޫލްތަކުގެ މަތީގައި ތިބެ ހިތްވަރާއި ކެތްތެރިކަމާއި އެކުގައި ކުރިޔަށް ދިއުމުގެ ހެޔޮ ތައިފީގުދެއްވާށިއެވެ. އާމީން!


Follow

Get every new post delivered to your Inbox.