ޙުސައިން ނަޒީރު . ނޫން
މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ ރައްޔިތުންގެ މަޖިލިހުން އެ މަޖިލިހުގެ އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ނުހަދައި ޗުއްޓީއަށް ވަޑައިގަން ވާހަކައެވެ. ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ)ގައި ވަނީ 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލހުގެ އިންތިޚާބު ބާއްވާންވާނެ ކަމަށެވެ. މި އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ހެދެންޖެހޭނެ ކަމަށް 70ވަނަ މާއްދާއާއި 299(ށ) އަދި 72(ނ) ގައި ބަޔާންވެފައިވެއެވެ. އެހެންކަމުން 15 ފެބްރުއަރީ ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ މިދެ ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލިހަށް ނުކޮށް ތިބެވޭނެ ކަމެއް ނޫނެވެ. އެއީ ޤާނޫނުއަސާސީއިން ލާޒިމްކުރާ ކަމެކެވެ.
މިއަދު ދިވެހި ރައްޔިތުން އެއް އަޑުން ގޮވަމުން އެދަނީ މިދެ ޤާނޫނު ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާވެސް ތަކުރާރުކޮށް މިދެ ޤާނޫނު ނިންމައި ދެއްވުން އެދި މަޖިލިހަށްވަނީ އިލްތިމާސް ކުރައްވާފައެވެ. ފުންނާބުއުސް ދެ ޤާނޫނީ ވަކީލުން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި ޕާޓީތަކުން އެގެންދަވަނީ މާ ބޮޑު ތަފާތެއްނެތި މިދެ ޤާނޫނު އަވަހަށް ނިންމެވުމަށް އެކި ގޮތްގޮތަށް އިލްތިމާސް ކުރަމުންނެވެ. ދިވެހި ރައްޔިތުން އެކީ އެކައްޗަކަށް ބަދަހި ސަފުތަކެއްގައި މިތިބީ ޤާނޫނުއަސާސީގެ ބާރު ދެއްކުމަށް ތެދުވެއެވެ. ހިލާ ޤާނޫނުއަސާސީއާއި ހިލާފަށް އެއްކަމެއްވެސް ވިޔަކަ ނުދޭނަމޭ ބުނަމުންނެވެ.
އެދެ ޤާނޫނު ހެދެން ޖެހޭނެކަން އަޅުގަނޑުމެން އެންމެން މިހާރު ޤަބޫލުކުރަމެވެ. ދެން އޮތް ސުވާލަކީ ނުހެދިއްޖެ ނަމަ ވާނީ ކިހިނެއްތޯ ކުރެވޭ ބޮޑު ސުވާލެވެ. އާ ޤާނޫނުއަސާސީގެ 296(ހ)ގައި 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވެން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި 296(ށ)ގައި ވަނީ މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 1 މާރޗް 2009ވަނަ ދުވަހުގެ ކުރީން ބާއްވަން ވާނެ ކަމަށެވެ. މިހެން މިކަން އޮތުމުން މައިގަނޑު ދެ ބަހުޘެއް އުފެދިގެން ދެއެވެ.
ފުރަތަމަ ބަހުޘަކީ 15 ފެބްރުއަރީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވައިފިނަމަ އެއީ ޤާނޫނީ ބާރު ލިބިގެންވާ މަޖިލިހަކަށް ވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ޤާނޫނުއަސާސީގެ 299(ހ)ގައި ވަނީ ރައްޔިތުންގެ މަޖިލިހުންނާއި އެހެނިހެން މުއައްސަސާތަކުންނާއި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާންވާނެކަމަށެވެ. އަދި ޤާނޫނުއަސާސީގެ 8 ބަނަ މާއްދާގައިވަނީ “ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ.” ކަން މިހެން އޮތްހިދު ޤާނޫނުއަސާސީގައި ކަޑައެޅި ވަކި ތާރީހެއްގައި އިންތިޚާބު ބާއްވަން ޖެހޭނެކަމަށް ބުނެފައިވާ ހިދު އެއާއި ހިލާފަށް އެއްވެސް ކަމެއް ކުރުން ނުވަތަ ނުކުރުމަކީވެސް އެއްވެސް ފަރާތަކަށް ހުއްދަވާނެ ކަމެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާއިރު ކަމެއް ނުކުރުމުން ޤާނޫނެއްގެ ބާރު ކެޑޭނަމަ އެ ނުކުރި ކަމަކީވެސް ޤާނޫނީ ކުށެކެވެ. މި ވިސްނުމުން ބަލާއިރު މަޖިލިހުގެ މެންބަރުން ޤާނޫނު ނުހެދުމަކީވެސް ޤާނޫނީ ބޮޑު ކުށަކަށް ނޫނީ ނުވާނެއެވެ.
ދެވަނަ ބަހުޘަކީ 1 މާރޗްގެ ކުރިން މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކަޑައެޅިފައި ވުމުން ދޭހަވަނީ އެދުވަހުން ފެށިގެން މިހާރުއޮތް މަޖިލިސް އުވުންތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ހަޤީޤަތުގައި މިހާރުއޮތް މަޖިލިސް ދެން އުފެދޭ މަޖިލިހެއް ހުވާ ކުރުމާއިއެކު އުވިގެން ދާނެއެވެ. މިކަން 294(ހ) އަށް ބަލާލުމުން ފަހުމްވެއެވެ. ނަމަވެސް އެ މާއްދާއަށް ބަލައިލުމުން އިތުރު ސުވާލެއް ފެންމަތި ވެގެން ދެއެވެ. އެއީ އެމާއްދާގައި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ އާ މަޖިލިސް މެންބަރުކަމާ ޙަވާލުވަންދެން ކަމަށް ބުނެފައި އޮތުމުން އުފެދޭ ސުވާލެކެވެ. އަޅުގަނޑު ރައްޓެއްސަކާ މިކަމާ ޙިޔާލު ބަދަލުކޮށްލުމުގެ ތެރޭގައި އޭނާ މިމާއްދާއަށް ރިޔާއަތްކޮށް ބުނީ އާމަޖިލިހެއް މެންބަރުކަމާއި ޙަވާލުވާންދެން މިހާރުއޮތް މަޖިލިސް ދެމިގެން ދާނެކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީއަށް ފުންކޮށް ވިސްނާލުމުން އެގެނީ 1 މާރޗް ގެފަހުން މިހާރުއޮތް މަޖިލިސް އުވޭނެކަމެވެ. މިކަން ވަރަށް ރަގަޅަށް 79(ހ) ބަލައި ލުމުން ދޭހަވެއެވެ. ޤާނޫނުއަސާސީގެ ރޫހު އެމާއްދާއިން އެއޮތީ ފެންނާށެވެ.
މި ދެ ނުކުތާ ޤާނޫނުއަސާސީއަށް ބަލައިލުމުން ސާފުކޮށް ފެންނަށް އެބައޮތެވެ. ފެންނަ މަންޒަރަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީހަށް އިންތިހާބު ބާއްވަން ޖެހޭނެކަމެވެ. ދެ ޤާނޫނު ނުހެދުމުގެ ސަބަބުން އިންތިޚާބު ނުބޭއްވިއްޖެނަމަ މަޖިލިހުގެ މެންބަރުން އެތިއްބެވީ ޤާނޫނުއަސާސީގެ ބާރު ކަޑުވާލާފައެވެ. އަދި އާ މަޖިލިހެއް ދެން ހޮވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. އަދި 1 މާރޗްގެ ފަހުންނުވަތަ އާ މަޖިލިސް ހުވާކުރުމުން މިހާރު އޮތް މަޖިލިސް އުވޭނެ ކަމެވެ. އެހެން ކަމުން މަރޗްއަށް ފަހު އާ މަޖިލިހެއް ނުހޮވިއްޖެ ނަމަ ރައްޔިތުންގެ މަޖިލިހެއް ނޯންނާނެއެވެ.
ބަޔާންވެ ދިޔަފަދައިން ރައްޔިތުންގެ މަޖިލިހެއް ނުހޮވި މިހާރު އޮތް މަޖިލިސް އުވިއްޖެ ނަމަ ދެން މިލޮބުވެތި ޤައުމަށް ވެގެންދާނެ ގޮތަކާއިމެދު ކޮންމެ ފަރުދަކު ވިސްނާލަންޖެހެއެވެ. ޤާނޫނުއަސާސީގެ 292 ވަނަ މާއްދާގައި ބުނެފައިވަނީ މިޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ މަޖިލިސް އިންތިޚާބު ވުމުގެ ކުރިން ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށެވެ. އެހެން ކަމުން އާމަޖިލިސް 15 ފެބްރުއަރީގައި އިންތިޚާބު ނުކުރެވިއްޖެނަމަ ޤާނޫނުއަސާސީއަށް ދުވަހަކުވެސް ބަދަލެއް ނުގެނެވޭނެއެވެ. އެއާއިއެކު ރައްޔިތުންގެ މަޖިލިހެއް އިންތިޚާބުކުރެވޭނެ އެއްވެސް ގޮތެއް ދެނެއް ނޯންނާނެއެވެ. އެމަޖިލިހުން ހަދަންޖެހޭ ޤާނޫނުތަށް ހެދޭނެ ގޮތެއް އެމަޖިލިހުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ޤައުމު ގޮތްނޭގޭ އަދަވަޅެއްގެ ތެރެއަށް ވައްޓާ ނުލައްވާށެވެ.
މަތީގައި އެވަނީ ދިވެހި އޮބްޒާވާ (ޑީ.އޯ) ގައި 3 ޖެނުއަރީ 2009 ގައި ޝާއިއު ކުރެވުނު ލިއުމެކެވެ.