ޤާނޫނުއަސާސީއަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިންމު ތަބެވެ. އެތަބު ވެއްޓިއްޖެ ނަމަ ޤައުމު ވެއްޓުން އެކަށީގެން ވެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިފަދައިން އަޅުގަނޑުމެންގެ ޤައުމުގައިވެސް ޤާނޫނުއަސާސީއެއް އުފެދުމަށްފަހު މިއަދާ ޖެހެން ދެންވެސް އެއަށް ދެވިފައިވަނީ ވަރަށްވެސް މަތިވެރި މަޤާމެކެވެ. ސަމްސުއްދީން 3 ގެ ރަސްކަން ނިމުމަކަށް ގެނައީ ޤާނޫނުއަސާސީއެވެ. އަދި އެއަށްފަހު ރަސްކަން ހަމަނޭވާ ނުލައި ނޭވާހޮޅިއަށް އެޅި ނިމި ދިޔައީ ޤާނޫނުއަސާސީގެ ސަބަބުންނެވެ
މިއަދު އަނެއްކާވެސް އެތާރީހް އިއާދަ ވެދާނެތޯއެވެ؟ ހަމަޔަޤީނުންވެސް އެއްވެސް މީހަކު އެގޮތެއް ޤަބޫލެއް ނުކުރާނެއެވެ. އަޅުގަޑުމެން އެދެނީ ޤާނޫނުއަސާސީ ގައި ވާ ގޮތުގެ މަތިން ކަންކަން ހިގަމުން ދިވެހި ފޭރާން ފުރިހަމަ ވަމުން ފަރިވަމުން ދާތަން ދެކޭށެވެ
މިފަހުން ބައެއް ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބު ލަސްކުރުމަށް ވާހަކަ ދައްކަވާފައެވެ. މިހެން މިކަން ކުރުމަށް އެއްގޮތަކަށްވެސް ޤާނޫނުއަސާސީގައި ފުރުސަތު ލިބިފައެއް ނެތެވެ. ޤާނޫނުއަސާސީގެ 301ވަނަ މާއްދާގައި 10 އޮކްޓޯބަރުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާއިރު 299 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ އެންމެހައި ބައިތަކަށް ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެކަމަށް ބުނެފައި ވެއެވެ. މިދެމާއްދާއަކީ ވަކިކޮށް ނުލެވޭނެ ދެ މާއްދާއެވެ. ދެ މާއްދާއަށް އެކުގައި ބަލައި ލުމުން ފެންނަ މެސެޖް ސާފެވެ. އެއީ އިންތިހާބުވެސް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ތާރީހްގައި ބާއްވަން ޖެހޭނެ ކަމުގެ މެސެޖެވެ
ދެން އޮތް ސުވާލަކީ އިންތިހާބު ލަސްކުރުމުން އޭގެ ފައިދާއެއް އިދިކޮޅު ޕާޓީތަކަށް ލިބިދާނެތޯ ކުރެވޭ ސުވާލެވެ. ޔަޤީންވާ ކަމަކީ މިހާރުގެ ޑީ.ޢަރ.ޕީގެ ޒައީމް ދެން މީހަކު މަޤާމާ ހަވާލުވަންދެން ދެމި ހުންނާނެކަމެވެ. ޤާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގައި ވަނީ “މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސި އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެ މީހަކު އެ މަޤާމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައިހުރި ރައީސުލްޖުމްހުރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ.” އެހެން ކަމުން އެމަނިކުފާނު ވެރިކަމުގެ ބާރު ބޭނުން ކުރަށް ވައިގެން ކެންޕޭން ކުރައްވާ އަދި އެވަރުން ނުވެގެން ދަތކޮށް އުދަގޫޖައްސަމުން ގެންދާނެއެވެ. އަދި ވަގުތު ލިބުމުން ރައިސުލްޖުމްހޫރިއްޔާއޭ ބުނެ “ދެއްކުމަށް” އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަށާނެއެވެ. އެހެންކަމުން މިކަމުގައި ދުވަސް ގިނަވުމަކުން ލިބޭނެ ވަކި ބޮޑު ފައިދާއެއް ނެތެވެ
Posted by Hussain Nazeer