23 ޖުލައި 2008ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ޕޮލިސް ޤާނޫނު (2008/5)އަކީ ޤާނޫނުއަސާސީގެ ބާރުކަޑުވާލުމަށް ބޭނުން ކުރެވިދާނެ ވަސީލަތެކެވެ. ސަރުކާރަށް އެ ޤާނޫނުގެ ވަރަށް ގިނަ މާއްދާތަކެއްގެ ބޭނުން ޤާނޫނުއަސާސީގެ ބާރު ކަޑުވާލުމަށް ހިފިދާނެއެވެ. މިހާތަނަށް ކަން ހިގަމުން އައިސްފައިވާ ގޮތަށް ބަލާއިރު މިއީ ހަމަވުން އެކަށީގެންވާ ކަމެކެވެ.
އެޤާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ވަނީ “މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ފިޔަވަޅެއް އެޅުމަކާނުލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެއްވެސް މަގެއް ނުވަތަ ސަރަޙައްދެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިނގާނަމަ ނުވަތަ ހިނގާފާނެކަމަށް ޤަބޫލުކުރޭނަމަ، އެ މަގެއް ނުވަތަ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެމަތިން މެނުވީ އެއްވެސް މިހަކު ނުވަތަ ބަޔަކު އެ މަގަށް ނުވަތަ އެ ސަރަޙައްދަށް ނުވަނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.” މި މާއްދާގައި ބަޔާންވެފައި މިވާ ބާރުގެ ބޭނުންކޮށް ޤާނޫނުއަސާސީގެ އަސާސީ ޙައޤުތަކާއި މިނިވަންކަމާ ބެހޭ ބާބުގައިވާ ޙައްގުތަކެއް ނިގުޅައި ގަތުމަށް ސަރުކާރުން މަސަތްކަތް ކޮށްފާނެ ކަމަށް ޓަކައި އަޅުގަނޑުމެން ތިބެންވާނި ތައްޔާރަށެވެ. ސަރުކާރުން މީގެކުރިން ވެސް ވަނީ މިފަދަ ނޭންގާނީ އަމަލުތައް ހިންގާފައެވެ.
މިޤާނޫނުގެ 13ވަނަ މާއްދާގެ (ހ)ގައި ވަނީ ” މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ބާރާއި އިޚްތިޠާރު ލިބިގެންވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީއާއި ފުލުހުންގެ ދައުރަށް ނިސްބަތްވާ އެހެން ޤާނޫނުތަކާއި ގަވާއިދުތަކާ، ޤާނުނީ ނުވަތަ ޝަރްޢީ އަމުރުތަކުގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ.” އެހެން ކަމުން ސަރުކާރަށް ވެސް ޤާނުނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ނިގުޅިގެން ދާފަދަ ގޮތަކަށް މި ޤާނޫނުގެ ބޭނުން ހިފުމަކި ޤާނޫނުގެ ދަށުންވެސް ހުއްދަވާނެ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން މިބާރު ރައްޔިތުންގެ އަތުން ނިގުޅައި ގަތުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ޤާނޫނުއަސާސީގެ 32 މާއްދާގެ (ޅ)ގައި ވަނީ “ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” އެހެންކަމުން އެއްވެސް ގޮތަކުން ސުލްހަވެރި މުޒާހަރާއެއް ނުވަތަ އެއްވުމެއް ހިގާތަނެއް ނުވަތަ ހިންގަފާނެ ކަމަށް ތަނެއް، ބަންދުކޮށް އެސަރަހައްދަން މީހުން ވަނުން މަނާކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ.
ހަމައެހެންމެ ޕޮލިސް ޤާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައިވަނީ “ޤާނޫނުގައިވާ ގޮތުގެ މަތިން މީހުން ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ ހައޔަރުކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި…….، ޖިނާއީ ކުށުގެ ޢަމަލުތައް ތަޙުޤީޤުކުރުޟާއި ހައޔަރުކުރެވޭ މީހުން ތަޙުޤީޤަށް ބަންދުކުރުމުގެ ބާރާއި ބަންދުގައި ދެމެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.” މިއީވެސް ސަވާލުވާން ޖެހޭފަދަ ގޮތަކަށް އޮތް މާއްދާއެކެވެ. ޤާނުނުއަސާސީގައި ބަޔާންވެފައިވާ ހިފާ ހައްޔަރުކުރުމުގެ ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ސަރުކާރުން މިވަގުތު މަސައްކަތް ކުރުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވަނީ “ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށިގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މިހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.” އެކަމުން ސަރުކާރުން ހަމަ ބޭނުންވާއިރަށް ހިފާ ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ވަނީ “… ރައްޠިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނަވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދިމިޤްތާޠީ މުޖުތަމަޢެއްގައި މިފަދަ ހައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤބުލުކުރވޭ މިންވަރަކަށެވެ.” އެގިފާޅިވާން އޮތް ކަމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމައެއްގައި ސުލްހަވެރި އެއްވުންތަކާއި މިޒާހަރާތަކަށް ހުރަސް ނާޅާކަމެވެ. އަދި ސަރުކާރުން ބޭނުންވާހާ ވަގިތަކު އަދި ކަމަކު އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭނެއެވެ.
މިހެން މިކަންތައްތައް އޮތުމުން އަޅިގަޑުމެން ތިބެންވާނީ ސަރުކާރުން މިވަގުތު ކުރަމުންދާ ކަންކަމަށް ފާރަލައިގެންނެވެ. އަދި މިހައްޤުތަކުން ބޭރުން ކުރާއެއްވެސް އަމުރަކަށް ކިޔަމަން ނުވެ ޤާނޫނުއަސާސީގެ ބާރު އެއަށް ދިނުމީ ހަމަ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ.
aharemen mithibee hyla
saru kaarun egaanoonuge bynun hifaafaane…. mivaguthu dhivehin mikama medhu ga visnane .. ehen veemaa maumoonu bynu gotheh nehedhyne