ރަތްއިތުންގެ ޙާއްސަ މަޖިލިސް އެއްކުރިތާ 3 އަހަރާ 11 މަހާ 7 ދުވަހުގެ ދިގުމުއްދަތަކުން ނިންމާލެވުނު އާޤާނުނު އަސާސީ މިއަދު ތަސްދީޤުކުރައްވައިފިއެވެ. ޤާނޫނުއަސާސީ ރައްޔިތުންގެ ޙާއްސަ މަޖިލިހުން ނިންމަވާލެއްވީ 26 ޖޫން 2008 ގައެވެ. އެއަށްފަހު ޙާއްސަ މަޖިލިހުގެ ރައީސް ޤާސިމް އިބްރާހިމް އާ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ. ފޮނުއްވުމަށްފަހު ތަސްދީޤު ނުކުރައްވާ ގިނަދުވަސްތަކެއް ދިއުމަށްފަހު މިއަދު ޤާނޫނުއަސާސީ ތަސްދީޤުކުރެއްވިއެވެ. މިކަމުގެ މުހިންމު ކަމަށްޓަކައި މިއަދަކީ ބަންދު ދުވަހެއްކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.

ހޫނު ބަހުސްތަކާއި އެކުވެރި މަޝްވަރާތަކަކުން އުފެދި އެކުލެވިގެން މިއައި ޤާނޫނުއަސާސީ އުފެދުމުގެ މަރުހަލާތަކުގައި ތަފާތު ސިޔާސީ ހަރަކާތްތަކެއް ހިގަމުން ދިޔައެވެ. ޤާނޫނުއަސާސީ މުޅިން ނިންމާލެވުނީ ތިން ރައީސް މަޖިލިހުގެ ރައީސްގެ މަޤާމަށް އައުމާއި މުޒާހަރާތަކާއެކުގައެވެ. ފުރަތަމަ ރައީސްގެ މަޤާމް ފުރުއްވީ އަބްދުﷲ ހަމީދެވެ. އެއަށްފަހު އައްބަސް އިބްރާހީމެވެ. އައްބާސްގެމަށްޗަށް އިތުބާރުނެތް ކަމުގެ ވޯޓް ދެފަހަރު މަތިން ނެގިގެން ދިޔައެވެ. ދެވަނަ ފަހަރު މިވޯޓްގައި އައްބާސް ސަލާމްތްވެ ވަޑައިގަތި މަހަކިރިޔާއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނަށް މަޖުބުރުވެ ވަޑައިގަތީ އިސްތިއުފާ ދެއްވާށެވެ. އެއަށްފަހު އެމަޤާމާއި ހަވާލުވެ ވަޑައިގަތީ އދ ގެ މެންބަރު ޤާސިމް އިބްރާހިމްއެވެ. ޤާސިމްގެ ރައީސްކަމުގައި މަޖިލިހުގައި ކަންތައްތައްގެންދެވީ ވަރަށް ހިކުމަތްތެރި ގޮތެއްގައްގައެވެ. މިގެއިތުރުން ޤާނޫނުއަސާސީ އަވަސްކުރުމަށާއި ރައްޔިތުންގެ ޙައްޤުތައް އޭގެ ގޮތުގައި ދެމެހެއްޓުމަށް މުޒާހަރާތަކެއްވެސް ކުރެވިގެން ދިޔައެވެ.
ސިޔާސީ ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޤައުމީ އިއްތިހާދުން ޤާނޫނުއަސާސީ ތަސްދީގު ކުރުމަށް އެކިގޮތް ގޮތުން ފިއްތުމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީ އަބުރާ ނުފޮނުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީވެސް މިވަގުތު ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ޤައުމީ އިއްތިހާދުގައި ހިމެނޭ ފަސް ޕާޓީގެ އެންމެ އިސްވެރިންނާއި ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ގަޑުވަރު(ތީމުގެ) ދޮށަށް އެއްވެ އަބުރާ ނުފޮނުވުމަށް ގޮވާލެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީ އަބުރާ ނުފޮނުއްވާ ގޮތަށް ނިންމިއެވެ.
އެއަށްފަހު މިމައްސަލާގައި އަމަލުކުރާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލިހުގައި މަޝްވަރާވެސްކުރެއްވިއެވެ.
އިސްލާޙްކުރެވުނު ޤާނޫނުއަސާސީ ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަޒީރުންގެ ކޮމިޓީގެ ރިޕޯޓާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ރިޕޯޓާއި ބެހޭގޮތުންވެސްއެދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، ވަޒީރުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ހުށަހެޅުއްވިކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.
ވީއެންމެ އަވަހަކަށް ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވަން ބޭނުންފުޅުވާ ކަމަށް މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިއާއިއެކު 23 ޖުލައި ގައި އިންފޮމޭޝަން މިނިސްޓަރ އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގުގައި މިޤާނޫނުއަސާސީ ޖުލައި 30ގައި ތަސްދީޤް ކުރައްވާނެ ކަމަށް ލިއުއްވިއެވެ. މިލިއުމާއި ގުޅިގެން ރައްޔިތުންގެ އުންމީދުތައް އާވެގެން ދިޔައެވެ. ސަބަބަކީ އެމަނިކުފާނަކީ ސަރުކާރުގެ ނިންމުންތަކުގައި މިވަގުތު ‘މުހިންމު ދައުރެއް’ އަދާކުރައްވާ ބޭފުޅެއްކަމަށްވާތީއެވެ.
29 ޖުލައި 2008 ވަނަ ދުވަހު ރައީސުލްދުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ނޫސްވެރިންގެ ބައްދަލުވުމެއްބާއްވާ އޮގަސްޓް 7ގައި ޤާނޫނުއަސާސީ ތަސްދީގު ކުރައްވާނެ ކަމަށްވެއެވެ. މިއީ ފިއްތުންތަކާއި ޕްރެޝަރުގެ ސަބަބުން ނިންމި ނިންމުމެކެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިފައި މިވަނީ ވަރަށް މުހިންމު ޒިންމާއެއްކަމަށް ވިދާޅިވިއެވެ. އަދި ބައެއް އިދިކޮޅު ޕާޓީތަކުން ބުނާފަދައިން މިއީ ހަމައެކަނި ރަމްޒިކަމެއް ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނު ތަސްދީޤުކުރެއްވުމުގެ ކުރިން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އީޔޫއިން މިކަމުގައި ޕްރެސް ރިލީސްއެއް ނެރުމުގެ އިތުރުން މުޅިދުނިޔެ މިކަމަށް ޙާއްސަ ސަމާލުކަމެއް ދެއްވިއެވެ. ރައީސްގެ މިބައދަލުކޮށްލެއްވުމުގައި އީޔޫއިން ނެރުނު ބަޔާނަކީ ވަރަށްތާކުންތާކުނުޖެހޭ ގޮތަކަށް ކޮށްފައޮތްކަމެއް ކަމަށް ވިދާޅުވިއެވެ. ( މިއީ މައުމޫން ވިދާޅުވި ވަރަށް “ހަމަޖެހޭ” ބަސްފުޅެކެވެ.)
މިއަދު ހެދުނު ދިހައެއް ޖެހިއިރު ދަރުބާރުގޭގައި ބޭއްވި ދަރުބާރެއްގައި ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީ ތަސްދީޤުކޮށްދެއްވިއެވެ. މިޖަލްސާގައި ރައްޔިތުންގެ ޙާއްސަ މަޖިލިހުގެ އެންމެހާ މެންބަރުން ނާއި ސިޔާސީ ބައެއް ޕާޓީ ތަކުގެ ވެރިންނާއި ސަރުކާރުގެ އިސްފަރާތްތައް ބައިވެރިވެ ވަޑައި ގަތެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައި ގަތެވެ.
ދިވެހި ރާއްޖޭގެ ޙަބަރުފަތުރާ ވަސީލަތްތައް ހުއްޓުވާލެވިފައިވަނީ މިކަމަށެވެ. މާދަމާގެ އުންމީދީ ޝުއޫރުތަކުން ޤައުމުގެ ހިތާއި ފިތް ދިޔައީ އެއް ވިންދެއްގައި ބަދެވިތިބެ ހަރަކާތްތެރި ވަމުންނެވެ. ޤައުމީ ޓީވީއާއި ރޭޑިއޯ އަދި އެހެނިހެން ހަބަރުފަތުރާ ވަސީލަތްތަކުން ޤައުމުގެ ހިތްތައް ބަދެލާ ރޫހާއި ޖޯޝްއިން ޖައްވު ގުގުމާލިއެވެ.
ޤާނޫނުއަސާސީ ތަސްދީޤު ކުރެއްވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ޤައުމާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި މިހިދު ކޮޅުގައި މުޅިޤައުމުގެ ކޮންމެ މީހަކު ބައިވެރިވެ ވަޑައި ގަތުމަށް ގޮވާލެއްވިއެވެ. އަދި މިއީ ދިވެހި ރާއްޖެ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް އާމަރުހަލާއަކަށް ގެންގޮސް އަންއަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭނެ މަތިވެރި ދުސްތޫރެއްކަމަށް ވިދާޅުވިއެވެ. އެކަކުއަނެކެއްގެ އިހްސާސްތަކަށް ބަލައިގެން މަސައްކަތް ކޮށްގެން މެނުވީ ފުރިހަމަ ދިމޮކްރަށިއަކަށް ނުދެވޭނެ ކަމަށާއި މި ޤާނޫނު އަސާސީގެ ސަބަބުން އަމިއްލަ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތުވެރިވާނެކަމަށާއި ޤައުމުގެ މަސްލަހަތާއި ޝަރަފަކީ ހަމަކޮންމެ މީހެއްގެ ކަމެއްކަމަށް ވިދާޅިވިއެވެ. އަދި އެންމެ ބޭފުޅުން ރަސްމިއްޔާތުގައި ބައިވރިވެ ވަޑައިގެންނެވީތީ ޝުކުރުދަންނަވަމުން ފުރިހަމަ ޑިމޮކްރަސީއެއްގައި ހިޔާލްތަފާތުތަކާއި އެކުވެސް ޤައުމުގެ މަސްލަހަތު ކުރިޔަށްނެރެ ބަދަލަށާއި އިސްލާހަށް އަބަދުވެސް މަރުޙަބާ ކިޔަން ޖެހޭނެ ކަމަށް ވިދާޅިވިއެވެ. ހަމައެންމެ މިއަދު އަޅުގަޑުމެން މިނަގުލުވާ ނިޡާމަކީ ޒަމާނީ ޑިމޮކްރަސިއަށް ވާސިލްކޮށްދޭނެ ނިޒާމެއްކަމާއި ހަޤީޤީ މަސައްކަތް އޮތީ ކުރިޔަށް ކަމަށާއި ޤާނޫނުއަސާސި ތަސްދީޤު ކުރިމާއިއެކު ކުރިމަތިވާ ގޮންޖެހުންތައް ނައްތާލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުރާނުގެ ވާހަކަ ފުޅައްފަހު ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީ ތަސްދީޤުކޮށް ދެއްވިއެވެ. އެއަށްފަހު ހަތް ބަޑިގެ ސަލާމެއްއަރުވާ ޤައުމީ ސަލާމް ކިއުނެވެ. މީގެފަހުން އޮތީ ޤާނޫނުއަސާސީ ތަސްދީޤްކުރެއްވުމުގެ ޤަރާރު ޤައުމަށް އިއްވުނެވެ. އެއަށްފަހު ޙާއްސަ ދުޢާއެއް ކުރައްވާ ދަރުބާރު ނިންމާ ލެއްވީ ޤައިމީ ސަލާމުންނެވެ.
މިޤާނޫނުއަސާސީ ތަސްދީޤު ކުރެއްވުމާއިއެކު ކުރަންހުރި ކަންތައްތައް ވަރައްވެސް ގިނައެވެ. ތިން އިންތިހާބު މިވަނީ ބާއްވަންޖެހިފައެވެ. މުސްތަގިއްލު ކޮމިޝަންތަކާއި މުއަށްސަސާސްތައް އެކުލަވާލަންޖެހެއެވެ. މިއި ގިނަ ވަގުތުތަކަކާއި ހަކަތަ ބޭނުންވާނެ ކަމެކެވެ. މީގެ ކުރިންވެސް ދިވެހިންވާނީ ޤައުމީ މިފަދަ ބޮޑަތި ކަންކަން ވަރަށްފުރިހަމަޔަށް ނިންމާފައެވެ. މިފަހަރުގެ މި ގޮންޖެހުމާއި ކުރިމަތިލައި ކާމިޔާބާއި ފާގަތިކަން ހޯދުމަކީ ޝައްކެއްނެތް ގޮތުގައި ދިވެހިރައްޔިތުންކުރާނެކަމެކެވެ.
“ތަނުގެ ޙާލަތު ބަދަލުކުރުމަށް ޢަޒުމުގައި
ތަނުގެ އެންމެން ތެދުވުމަށް މިގޮވާލަނީ”
މިދެއްވި މަތިވެރި ކާމިޔާބަށްޓަކައި ﷲއަށް ހަމްދާއި ޝުކުރުކުރަމެވެ. މިއަޅާމެނަށް ޑިމޮކްރަސީގެ މަގުގައި އިސްލާމީ އުސޫލްތަކުގެ މަތީގައި ތިބެ ހިތްވަރާއި ކެތްތެރިކަމާއި އެކުގައި ކުރިޔަށް ދިއުމުގެ ހެޔޮ ތައިފީގުދެއްވާށިއެވެ. އާމީން!