ރައްޔިތުންގެ މަޖިލިސް އުވިއްޖެނަމަ

January 11, 2009

ޙުސައިން ނަޒީރު . ނޫން

people-majilis1މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ ރައްޔިތުންގެ މަޖިލިހުން އެ މަޖިލިހުގެ އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ނުހަދައި ޗުއްޓީއަށް ވަޑައިގަން ވާހަކައެވެ. ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ)ގައި ވަނީ 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލހުގެ އިންތިޚާބު ބާއްވާންވާނެ ކަމަށެވެ. މި އިންތިޚާބު ބެއްވުމަށް ބޭނުންވާ ދެ ޤާނޫނު ހެދެންޖެހޭނެ ކަމަށް 70ވަނަ މާއްދާއާއި 299(ށ) އަދި 72(ނ) ގައި ބަޔާންވެފައިވެއެވެ. އެހެންކަމުން 15 ފެބްރުއަރީ ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ މިދެ ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލިހަށް ނުކޮށް ތިބެވޭނެ ކަމެއް ނޫނެވެ. އެއީ ޤާނޫނުއަސާސީއިން ލާޒިމްކުރާ ކަމެކެވެ.

މިއަދު ދިވެހި ރައްޔިތުން އެއް އަޑުން ގޮވަމުން އެދަނީ މިދެ ޤާނޫނު ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާވެސް ތަކުރާރުކޮށް މިދެ ޤާނޫނު ނިންމައި ދެއްވުން އެދި މަޖިލިހަށްވަނީ އިލްތިމާސް ކުރައްވާފައެވެ. ފުންނާބުއުސް ދެ ޤާނޫނީ ވަކީލުން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި ޕާޓީތަކުން އެގެންދަވަނީ މާ ބޮޑު ތަފާތެއްނެތި މިދެ ޤާނޫނު އަވަހަށް ނިންމެވުމަށް އެކި ގޮތްގޮތަށް އިލްތިމާސް ކުރަމުންނެވެ. ދިވެހި ރައްޔިތުން އެކީ އެކައްޗަކަށް ބަދަހި ސަފުތަކެއްގައި މިތިބީ ޤާނޫނުއަސާސީގެ ބާރު ދެއްކުމަށް ތެދުވެއެވެ. ހިލާ ޤާނޫނުއަސާސީއާއި ހިލާފަށް އެއްކަމެއްވެސް ވިޔަކަ ނުދޭނަމޭ ބުނަމުންނެވެ.

އެދެ ޤާނޫނު ހެދެން ޖެހޭނެކަން އަޅުގަނޑުމެން އެންމެން މިހާރު ޤަބޫލުކުރަމެވެ. ދެން އޮތް ސުވާލަކީ ނުހެދިއްޖެ ނަމަ ވާނީ ކިހިނެއްތޯ ކުރެވޭ ބޮޑު ސުވާލެވެ. އާ ޤާނޫނުއަސާސީގެ 296(ހ)ގައި 15 ފެބްރުއަރީ 2009ގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވެން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި 296(ށ)ގައި ވަނީ މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 1 މާރޗް 2009ވަނަ ދުވަހުގެ ކުރީން ބާއްވަން ވާނެ ކަމަށެވެ. މިހެން މިކަން އޮތުމުން މައިގަނޑު ދެ ބަހުޘެއް އުފެދިގެން ދެއެވެ.

ފުރަތަމަ ބަހުޘަކީ 15 ފެބްރުއަރީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވައިފިނަމަ އެއީ ޤާނޫނީ ބާރު ލިބިގެންވާ މަޖިލިހަކަށް ވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ޤާނޫނުއަސާސީގެ 299(ހ)ގައި ވަނީ ރައްޔިތުންގެ މަޖިލިހުންނާއި އެހެނިހެން މުއައްސަސާތަކުންނާއި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާންވާނެކަމަށެވެ. އަދި ޤާނޫނުއަސާސީގެ 8 ބަނަ މާއްދާގައިވަނީ “ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ.” ކަން މިހެން އޮތްހިދު ޤާނޫނުއަސާސީގައި ކަޑައެޅި ވަކި ތާރީހެއްގައި އިންތިޚާބު ބާއްވަން ޖެހޭނެކަމަށް ބުނެފައިވާ ހިދު އެއާއި ހިލާފަށް އެއްވެސް ކަމެއް ކުރުން ނުވަތަ ނުކުރުމަކީވެސް އެއްވެސް ފަރާތަކަށް ހުއްދަވާނެ ކަމެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާއިރު ކަމެއް ނުކުރުމުން ޤާނޫނެއްގެ ބާރު ކެޑޭނަމަ އެ ނުކުރި ކަމަކީވެސް ޤާނޫނީ ކުށެކެވެ. މި ވިސްނުމުން ބަލާއިރު މަޖިލިހުގެ މެންބަރުން ޤާނޫނު ނުހެދުމަކީވެސް ޤާނޫނީ ބޮޑު ކުށަކަށް ނޫނީ ނުވާނެއެވެ.

ދެވަނަ ބަހުޘަކީ 1 މާރޗްގެ ކުރިން މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކަޑައެޅިފައި ވުމުން ދޭހަވަނީ އެދުވަހުން ފެށިގެން މިހާރުއޮތް މަޖިލިސް އުވުންތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘެވެ. ހަޤީޤަތުގައި މިހާރުއޮތް މަޖިލިސް ދެން އުފެދޭ މަޖިލިހެއް ހުވާ ކުރުމާއިއެކު އުވިގެން ދާނެއެވެ. މިކަން 294(ހ) އަށް ބަލާލުމުން ފަހުމްވެއެވެ. ނަމަވެސް އެ މާއްދާއަށް ބަލައިލުމުން އިތުރު ސުވާލެއް ފެންމަތި ވެގެން ދެއެވެ. އެއީ އެމާއްދާގައި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ އާ މަޖިލިސް މެންބަރުކަމާ ޙަވާލުވަންދެން ކަމަށް ބުނެފައި އޮތުމުން އުފެދޭ ސުވާލެކެވެ. އަޅުގަނޑު ރައްޓެއްސަކާ މިކަމާ ޙިޔާލު ބަދަލުކޮށްލުމުގެ ތެރޭގައި އޭނާ މިމާއްދާއަށް ރިޔާއަތްކޮށް ބުނީ އާމަޖިލިހެއް މެންބަރުކަމާއި ޙަވާލުވާންދެން މިހާރުއޮތް މަޖިލިސް ދެމިގެން ދާނެކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީއަށް ފުންކޮށް ވިސްނާލުމުން އެގެނީ 1 މާރޗް ގެފަހުން މިހާރުއޮތް މަޖިލިސް އުވޭނެކަމެވެ. މިކަން ވަރަށް ރަގަޅަށް 79(ހ) ބަލައި ލުމުން ދޭހަވެއެވެ. ޤާނޫނުއަސާސީގެ ރޫހު އެމާއްދާއިން އެއޮތީ ފެންނާށެވެ.

މި ދެ ނުކުތާ ޤާނޫނުއަސާސީއަށް ބަލައިލުމުން ސާފުކޮށް ފެންނަށް އެބައޮތެވެ. ފެންނަ މަންޒަރަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީހަށް އިންތިހާބު ބާއްވަން ޖެހޭނެކަމެވެ. ދެ ޤާނޫނު ނުހެދުމުގެ ސަބަބުން އިންތިޚާބު ނުބޭއްވިއްޖެނަމަ މަޖިލިހުގެ މެންބަރުން އެތިއްބެވީ ޤާނޫނުއަސާސީގެ ބާރު ކަޑުވާލާފައެވެ. އަދި އާ މަޖިލިހެއް ދެން ހޮވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. އަދި 1 މާރޗްގެ ފަހުންނުވަތަ އާ މަޖިލިސް ހުވާކުރުމުން މިހާރު އޮތް މަޖިލިސް އުވޭނެ ކަމެވެ. އެހެން ކަމުން މަރޗްއަށް ފަހު އާ މަޖިލިހެއް ނުހޮވިއްޖެ ނަމަ ރައްޔިތުންގެ މަޖިލިހެއް ނޯންނާނެއެވެ.

ބަޔާންވެ ދިޔަފަދައިން ރައްޔިތުންގެ މަޖިލިހެއް ނުހޮވި މިހާރު އޮތް މަޖިލިސް އުވިއްޖެ ނަމަ ދެން މިލޮބުވެތި ޤައުމަށް ވެގެންދާނެ ގޮތަކާއިމެދު ކޮންމެ ފަރުދަކު ވިސްނާލަންޖެހެއެވެ. ޤާނޫނުއަސާސީގެ 292 ވަނަ މާއްދާގައި ބުނެފައިވަނީ މިޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ މަޖިލިސް އިންތިޚާބު ވުމުގެ ކުރިން ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށެވެ. އެހެން ކަމުން އާމަޖިލިސް 15 ފެބްރުއަރީގައި އިންތިޚާބު ނުކުރެވިއްޖެނަމަ ޤާނޫނުއަސާސީއަށް ދުވަހަކުވެސް ބަދަލެއް ނުގެނެވޭނެއެވެ. އެއާއިއެކު ރައްޔިތުންގެ މަޖިލިހެއް އިންތިޚާބުކުރެވޭނެ އެއްވެސް ގޮތެއް ދެނެއް ނޯންނާނެއެވެ. އެމަޖިލިހުން ހަދަންޖެހޭ ޤާނޫނުތަށް ހެދޭނެ ގޮތެއް އެމަޖިލިހުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ވިސްނަވާށެވެ. ޤައުމު ގޮތްނޭގޭ އަދަވަޅެއްގެ ތެރެއަށް ވައްޓާ ނުލައްވާށެވެ.

މަތީގައި އެވަނީ ދިވެހި އޮބްޒާވާ (ޑީ.އޯ) ގައި 3 ޖެނުއަރީ 2009 ގައި ޝާއިއު ކުރެވުނު ލިއުމެކެވެ.



އަޅުގަނޑުމެން މުޒާހަރާއެއް ނުކުރާނަމެވެ

December 22, 2008

force-mp-gandhi20and20crowd1

ދިވެހިރާއްޖެ ޑިމޮކްރެސީގެ އުފާވެރި ފަތިހަކަށް މިހޭލީ ގިނަގުނަ ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުންނެވެ. އަދި ޚާއްސަކޮށް އެމް.ޑީ.ޕީއަށް ނިސްބަތްވި އަދި ވާ މެންބަރުންގެ ދާ އޮހޮރުވައިގެންނޭ ބުނުމަކީ އިންސާފުން އެއްކިބާވުން ކަމަކަށް ނުވާނެއެވެ. މި ބުރަ އަދި ބޮޑު މަސައްކަތުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ބޭއްވުނު މުޒާހަރާތަކެވެ. އާންމު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ޤައުމުގެ މަސްލަހަތު ކުރިޔަށް ނެރުނު މި މުޒާހަރާ ތަކަކީ މުޅި ދުނިޔެއަށްވެސް ނަމޫނާ ހަރަކާތްތަކެކެވެ

.ދުނިޔެ ދައްކާފައިވާ ހަގީގަތަކީ ރައްޔިތުންނަށް ގެއްލުންދޭ ކޮންމެ ބަޔަކުވެސް ނިމިގެން ދާކަމެވެ. އެހެން ކަމުން ވަރުގަދަ ލީޑަރުން ކަންކުރެއްވީ ރައްޔިތުން ދިފާއުކޮށް ރައްކާތެރި ކުރުމަށެވެ. މަހާތުމާ ގާންދީ 2 މާޗް 1930 ގައި ފޮނުއްވި މަޝްހޫރު ސިޓީ ގައި ވަނީ ” އެކުވެރިންނޭވެ. އަހަރެންގެ އަމިއްލަ ފިކުރު ވަރަށް ސާފެވެ. އަހަރެންނަކަށް ދިރިހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އަމުދުން އިންސާނަކަށް އެފަދަ ގެއްލުމެއް ހިލާ ނުދޭނަމެވެ. އެމީހުން އަހަރެންނަށް ކިތަންމެ ގެއްލުމެއް ދިނަސް މިކަން އޮތީ މިހެންނެވެ.” ބައްލަވާށެވެ. އިގިރޭސިންގެ އިސްތިއުމާރު އިންޑިއާއިން ފޮހެލެވެންދެން ހަޅުތާލުކުރެއްވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބޭފަދަ އަމަލެއް ނުހިންގަވައެވެ. ނަތީޖާ އެއޮތީ ފެންނާށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ބައްޕަ ކަމުގައި ރައްޔިތުން ގާންދީ ބަލައިގަތީ އެހެންވެއެވެ. ހަމަ މިހެން 1963 ގައި ޑރ.މާޓިން ލޫތާރ ކިންގު ދެއްވި ‘އަހަރެންގެ ހުވަފެނެއް ވެއޭ’ ކިޔާ މަޝްހޫރު ސްޕީޗް ގައި ވަނީ “އަހަރެމެން އަހަރެމެންގެ އުފެއްދުންތެރި އިޙްތިޖާޖުތަށް ފުރުޅިގެން ދިޔަދީގެން ނުވާނެ ނަފްސަށް ދެވޭ އަނިޔާއަކަށް” މިހެންނެވެ. އިޙްތިޖާޖު ކުރުމަކީ އަނިޔާއާއި ބިރުދެއްކުން ނޫންކަން އެވަނީ މޫރިތި އިބާރާތް ތަކަކުން ބަޔާން ކުރައްވާފައެވެ. މިއީ މާޓިން ލޫތާރ ކިންގުގެ ނަން އެމެރިކާގެ ޤައުމީ ބަތޮލެއްގެ މަޤާމަށް އުފުލެން މެދުވެރިވި ސަބަބެވެ. މިއީ އިބުރަތް ހާސިލް ކުރަންވީ ދަރުސްތަކެކެވެ

ދިވެހިރާއްޖޭގައި މީގެ ކުރިން އަބަދުވެސް އިވޭ އަޑަކީ މުޒާހަރާއެއް ކުރާނަމަ އެއީ ވަރަށް ދަށު ދަރަޖައިގެ ޤާނޫނާއި ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި ފުލުހުން އާންމު ރައްޔިތުންނަށް އެކި ގޮތް ގޮތުން އަނިޔާ ކުރާކަމުގެ ޝަކުވާ ކޮންމެ މުޒާހަރާއަކާއި އެކު ފެންމަތިވެގެން ދެއެވެ. ނަމަވެސް މިފަހަރު މީގެ ތެރެއިން ފުރަތަމަ ބައި އެއްގޮތަކަށްވެސް ނީވެއެވެ. މީޑިއާއަށް ސަރުކާރުން އަތް ބާނާފައި ނެތުމުން ޚަބަރުތަށް ގެނެސް ދިނީ ވަރަށްވެސް އިންސާފުވެރިކޮށެވެ. މިއީ ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް މިއަދުގެ ސަރުކާރުން ކުރާ މިންނެތް މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. ކަން މިހެން އޮތް ނަމަވެސް ……………………………

މަޖިލިސް ދޮށަށް އެންމެ ފަހުން އެއްވި ފަރާތް ތަކުން ކަންކުރިގޮތާ މެދު ކޮންމެ ދިވެހި ރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހެއެވެ. މަޖިލިސް ކުރާގެއަށް މެންބަރުންވަންނަން ހުރި ހުޅަނގުފަރާތު ދޮރު ބަންދު ވާގޮތަށް މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވިއެވެ. އަދި މިވަރަކުން ފުދުނީ އެއްނޫނެވެ. ލ. އަތޮޅުގެ މެންބަރު ރީކޯ މޫސާމަނިކު މަޖިލިހަށް ވަދެވަޑައި ގެންނެވި ވަގުތު ގައިކޮޅަށް އައްލައި ގަމީހު ގިރުވާނުގައި ހިފާ އަދި ޓައީއަށް ދަމާފައި ވެއެވެ. އަދި އެޓާރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދުގެ ފަހަތުން މީހަކު އައިސް އެކަމަނާއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ދިވެހި ހިތްވަރު ގަދަ ފުލުހުން ވަނީ އެކަމަނާ ދިފާޢުކޮށްފައެވެ. ދިޔާނާ އާއި މޫސައަށް ކުރި މި ގޯނާއަކީ ދިވެހި އެންމެ ރައްޔިތުން ހަރު އަޑުން ކުއްވެރި ކުރާނެ ކަމެކެވެ. އެފަދަ ހަޑި މުޑުދާރު އަމަލުތައް މި ދީބުގައި ހިންގުމަށް މަސައްކަތްކުރި މީހުންނަށް ދިވެހިން ތާރީޚްގައިވެސް ވަނީ ޙައްޤު އަދަބު ދީފައެވެ. މިފަހަރުވެސް ރައްޔިތުންގެ އެ ހަތުރުން ހަމަ ބިމަށް ތިރިކޮށް ޙައްޤަށް ނަސްރުދޭން ދިވެހިން ނުކުންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެމް.ޑީ.ޕީ އިން މުޒާހަރާ ކުރަމުން ދިޔަ އިރު، އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ މަގުމައްޗަކަށް ނުނިކުއްނާނަމޭ ބުނީ ކޮން ޕާޓީއެއްގެ ކޮން ބައެއްކަން ދިވެހިން ދަނެއެވެ. އެދުވަހު އެއީ ޤާނޫނީ ކުށެއްކަމަށާއި އެއީ ހަޑި އަމަލެއް ކަމަށް ބުނި މީހުން މިއަދު މަގުމަތީ ބުމަރު ތަކެއްހެން އެ އެބުރެނީ ކީއްވެބާއޭ ހިތައްއަރައެވެ! ގޮތް ހުސްވީ ބާވައެވެ؟ މަގު އޮޅުނީ ބާވައެވެ؟ އަނެއްކާ މޮޔަވީ ބާވައެވެ؟ މިހިރީ ހައްތަހާވެސް ހިތަށް އަރާ ފާއިބާ ސުވާލުތަކެވެ. ފުންކޮށް ވިސްނާލުމުން ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހައިން ލިބިއްޖެއެވެ. އަހަރެމެން މުޒާހަރާއެއް ނުކުރާނަމޭ ބުނި މީހުން ނުކުމެގެން މި އެބުރެނީ ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބުވެސް ގެއްލުމުން ލިބުނު ފުން ހިތާމައެއްގެ ސަބަބުންނެވެ.

މިއަދު އިދިކޮޅު ޕާޓީ ތަކުން އެމް.ޑީ.ޕީން މި ކޮށާ ދިން ޑިމޮކްރެސީގެ ފުޅާ ތަނަވަސް މަގުން ހިގަން ވެއްޖެއެވެ. އަދި ދުނިޔޭގެ ތަޖުރިބާ ހޯދާބަލަން ވެއްޖެއެވެ. ދަސްކޮށްގެން ނުކުމެ ހަރުދަނާ ކަމާއެކީ އިދިކޮޅު ޕާޓީ ތަކެއްގެ ގޮތުގައި ޙަރަކާތްތެރި ވާންފަށައިފިނަމަ ރައްޔިތުންގެ ތާއީދުވެސް ލިބޭނެއެވެ. ނަމަވެސް ޑިމޮކްރެސީގެ އަސާސްތަކަށް ލޯމަރާލައިގެން ތިބެ ‘އަޅުގަނޑުމެން މުޒާހަރާއެއް ނުކުރާނަމޭ’ ބުނާ އުސޫލުން ކަންކުރަން ދިމާކޮށްފިނަމަ އެބަޔަކު މަޒީގެ ތެރެއަށް ގެއްލި ނިމިދާނެއެވެ.

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައިވަނީ “ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” މިހެންނެވެ. މި ޢިބާރާތް ކޮޅަށް ފުރިހަމައަށް އިޙްތިރާމް ކުރުމީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ. މާތް ﷲ އަޅުނޑުމެންނަށް ހެޔޮވިސްނުން ދެއްވާށި! އަދި ފަސާދަ ކުރާ މީހުންގެ ނުބައި ކަމުން މި ވަތަން ހިމާޔަތް ކުރައްވާ އަމާންކަންމަތީ ދިރި އުޅުމުގެ ހެޔޮ ތައުފީގު އެންމެ ދިވެހިންނަށް ދެއްވާށި! އާމީން.

(މަތީގައި އެވަނީ ދެވެހި އޮބްޒާވާގައި 3 ޑިސެމްބަރ ގައި ޝާއިއު ކުރވުނު ލިއުމެކެވެ)


ރައީސް އިބްރާހިމް ނާސިރު އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި! އާމީން

November 22, 2008

ibrahim_nasir_maldives1މިއަދު ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރައްވައިފިއެވެ. މިއީ ޤައުމުގެ ލޮލުން ކަރުނަ އޮހުނު ހިތާމަވެރި ދުވަހެކެވެ. ރައީސް ނާސިރުގެ އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ


ބޮޑެތި ޤުރުބާނީ ތަކާއެކު، ޤައުމު އަނބުރާ ރައްޔިތުންނަށް

November 22, 2008

anni-and-maumoon-28-october-200814th-president-orth-takinތިރީގައި މިވަނީ ދިވެހި އޮބްޒާވާ (ޑީ އޯ) ގައި 3 ނޮވެންބަރ 2008ގައި ޝާއިއު ކުރެވުނު ލިއުމެކެވެ

ދިވެހި އެތައް ރައްޔިތެއް އެތައް ޤުރުބާނީއެއް ވުމަށް ފަހު މިއަދު ވަނީ ރައްޔިތުންނަށް ނަސްރު ލިބިފައެވެ. މިއީ މުޅި ދިވެހި ޤައުމުގެ ޙައްޤުގައި ދިވެހިންގެ ހިތްވަރުގަދަ ބަޔަކު ކުރި މަސައްކަތުގެ ނަތީޖާއެވެ.

އަޅުގަނޑުގެ ހިތަށް އަންނަނީ މީގެ ތިން އަހަރު ކުރިއެވެ. މުޙައްމަދު ނަޝީދު(އަންނި) އާއި އެކު މަޖިލިސް ގެއިން ނުކުމެގެން ކައިރީ ހުރި ހޮޓަލަކަށް އަރައި ކޮފީއެއްގައި ތިބެ ދެއްކި ވާހަކައެވެ. ސަރުކާރުގެ ބާރު ކުޑަވަމުން އަންނަކަމަށާ މިކަން މަޖިލިހުގެ މެންބަރުންނާ ރައްޔިތުންގެ އެހީއާއި އެކު ނިންމާލެވޭނެކަމުގެ ޔަޤިންކަމާއެކު ދައްކަމުންގެންދެވި، ޤައުމީ ރޫހުން ފުރިގެންވާ އެ ވާހަކަ ކޮޅަކީ ދުވަހަކުވެސް ހިތުން ނުފިލާނެ އަގުހުރި ފިލާވަޅުތަކެކެވެ. ކުއްލިއަކަށް މަޖިލިސް ކުރާ ގެއިން ނުކުތީ އޭ.ޑީ.ކޭ ނާޝިދުއެވެ. ނާޝިދު ނުކުތުމާއެކު އަންނި ތެދުވެގެން ވަރަށް ބާރަށް ވަޑައިގެންނެވީ އެދިމައަށެވެ. އަދި ނާޝިދުއާއި އެތައްވާހަކައެއް ދެއްކެވުމަށް ފަހު ވަޑައިގަތީ އުފާވެރި ހަބަރަކާއި އެކުއެވެ. އެ ޙަބަރު މިނިވަން ނުހުގައި އަޅާލިތާ ދުވަސްކޮޅެއް ފަހުން ޑީ.އާރު.ޕީ ދޫކުރައްވާ އިސްލާހީ ހަރަކާތުގެ ތެރެއަށް އޭ.ޑީ.ކޭ ނާޝިދު ވަޑައިގެންފިއެވެ. އެތެރެއާއި ބޭރުގައި މިފަދަ އެތައް މަސައްކަތެއް ރޭވުންތެރިކާމާއި ހިކުމަތާއިއެކު ހިގަމުން ދިޔައެވެ.

ހުއްޓުމެއްނެތި ހިގަމުން ދިޔަ މުޒާހަރާތައް ސަރުކާރަށް މަޖުބޫރުކުރުވީ ރައްޔިތުން އެދޭ ގޮތަށް ކަން ކުރުމަށެވެ. އަންހެނުންގެ މުޒާހަރާއިން ފެށިގެން މަސްވެރިންގެ މުޒާހަރާއާ ހަމައަށް ހަމަ ގޮވުނީ އެއް ކަމަކަށެވެ. އިސްލާހުކޮށް ދޭށެވެ. އިސްލާހުކޮށް ދޭށެވެ. މި އެދުން އެދެމުން ދިޔައީ ރައްޔިތުންގެ އަރިހުންނެވެ. މުޒާހަރާތައް މަގުތަކުގައި ކުރިއަށް ދިޔައިރު ސަރުކާރުގެ މުއައްސަސާސް ތަކުގައި އިދިކޮޅު ހަރަކާތުގެ ބައިވެރިންނާ ސަރުކާރާ ދިޔައީ މަޝްވަރާ ކުރެވެމުންނެވެ. އެއްބަސް ވުންތަކެއް ކޮންމެވެސް ސިފައެއްގައި ވަމުންނެވެ.

އެކިއެކި ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނަށް މި އިސްލާހީ ހަރަކާތުގެ މެސެޖް ދެމުން ދިޔައިރު އެރައްރަށުގެ ތަރައްޤީގެ ޕްލޭންތައް ހުށަހައެޅެމުން ދިޔައެވެ. ރައްޔިތުން މި ވާހަކަތަކަށް އިޖާބަދެމުން ދިޔަނަމަވެސް ދިމާ ކުރުމާ ޤާއިކުން ވަކި ކުޑައެއް ނޫނެވެ. ނަމަވެސް އިސްލާހީ މަސައްކަތަށް ނުކުމެ ތިބި އެކަކުވެސް ފިޔަ ތިރިކޮށްލާކަށް އެއްބަހެއް ނުވެއެވެ.

ސިޔާސީ ޕާޓީއަކީ މާބޮޑު ބޭނުމެއް ހުރިއެއްޗެއް ނޫންކަމަށް ބުނަމުންދިޔަ މީހުންނަށް ފުރިހަމަ ޑިމޮކްރަސީއެއްގައި ޕާޓީގެ ދައުރު އޮޅުން ފިލުވާ ދިނުން އެއީ ނުވާނެކަމެއް ކަމަކަށް އިސްލާހުގެ އެކަކުވެސް ނުދެކެއެވެ. މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި ރީތި ގޮތުގައި ޖަދަލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށް މުޅި ދިވެހިން އެއްބަސް ކުރުވުން މީ ވަކިން އުދަގޫ ކަމަކަށްވިއެވެ. ނަމަވެސް އެއީވެސް ހަމަ ކުރެވޭނެ ކަމެއް ކަމަށް އިސްލާހީ ހަރަކާތުގެ ބައިވެރިން ދެބަހެއް ނުވެއެވެ. ދިވެހިންގެ މި ލޮބުވެރި ބިމުގައި ޑިމޮކްރަސީގެ މިއަސާސްތައް އަށަގެންނެވުމުގައި މިވެރިން ދިޔައީ ހޭބޯނުލާ މަސައްކަތް ކުރަމުންނެވެ. ގިނަވަގުތުތަކެއް އެކަމުގައި ހޭދަ ކުރަމުންނެވެ.

ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ މުހިންމުކަންދެކެ މިފަދަ ޕާޓިއެއް އުފެއްދޭތޯ ގަދަ އަޅާ ކުރެވެމުން ދިޔަ މަސައްކަތަކީ އަދި އުދަގޫ ކަމަކަށްވިއެވެ. އިދި ކޮޅު ހަރަކާތައް ސަރުކާރުގެ ބައެއް ބާރުތަކުން ބާރު ފޯރުވަމުން ދިއުމާއިއެކު މާޔޫސީކަމެއް ބައެއް މީހުންގެ މޫނުމަތިން ފެނުނު ނަމަވެސް ހަމަ ހިލާ ދުލެއް ނުދޭނަމޭ ބުނެ ޖޯޝާ ޤައުމީ ރޫޙުގައި ނުކުމެ ތިބި މީހުންނަށް ކަހާތަން ކަހައޭވެސް ހިތައް ނާރައެވެ.

ރައްޔިތުންނާ ހަމައަށް ހިޔާލު ފޯރުކޮށް ދެވެން ހުރި ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ ބޭނުމަށް އަޅުވެތި ކުރެވިފައި ވީނަމަވެސް އިސްލާހީ ހަރަކާތުގެ އެކެއްގެ އަޒުމަކަށްވެސް ބަދަލެއް ނާދެއެވެ. އެކަންކަން އިސްލާހު ކުރުމަށް ގޮވާލުމާއި އެކު އެހެން މަގެއް ހޯދައިގެން ރައްޔިތުންނާއި ހަމައަށް ދިޔައެވެ. އަދި ބޭއިންސާފު ނައްތާލުމަށް ތަކުރާރުކޮށް ގޮވަމުން ގެންދިޔައެވެ. މިނިވަން ނޫހުގެ ފުރަތަމަ އަދަދާއެކު ލިއުމުގައި އަޅުގަނޑު ކުރިޔަށް ދިޔައިރު އެންމެ ގިނައިން ކުރާ ސުވާލަކީ ތި ނޫސް ކިހާ ދުވަހަކު ހިގާނެބާ އޭ ؟ ބުނެ ކުރާ ސުވާލެވެ. މިނިވަންގެ އެއްހަރަކާތް ތެރއަކު އެދުވަސްވަރު ބުނީ ” މިނޫސް މަހެއްހާ ދުވަހު ނެރެވުނަސް ރަގަޅު” ކަމަށެވެ. އެފަދަ މާ ހައުލެއްގައި މަސައްކަތް ފެށުމާއި އެކު އެތައް ނޫހެއް ވުޖޫދައް އައިސްފިއެވެ. މުޅި ނޫސްވެރިކަމުގެ މާހައުލު ބަދަލުކޮށްލައިފިއެވެ. ޑީ އޯގެ އެތައް “ދަރިންނެއް” އުފަން ކުރުވައިފިއެވެ.

ހައްޔަރުކުރުމާ، ހަރުގެ ރޫޅުމާ އަދި އިންޒާރުތަކަށް ބިރުން ސިހި ދެތިން މީހަކު މައިތިރި ވިޔަސް ގިނަބަޔަކު ދުލެއް ނުދިނެވެ. ދޭތިން އެކެއްޗަށް ހިފަމުން ގެންދިޔައެވެ.

މިފަދަ އުދަގޫ ދަތި ގޮތަކަށް ސިޔާސީ ހަރަކާތް ހިންގަމުންއައިސް އެހަރާތުގެ ބައިވެރިން މިފަހަރުގެ އިންތިހާބުގައި ވާދަކުރީ ފުރިހަމަ ޔަޤީންކަމާއި އެކުއެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަކީ ވިސްނުންތެރި ބައެއްކަން އެގިތިބެއެވެ. އިސްލާމް ދީނުގެ މާތް މަތިވެރި އުސޫލުތަކަށް ބާރު ލިބޭނެ ކަމުގެ އުންމީދުގައެވެ. މާތް ﷲ ވޮޑިގެންވަނީ ޙައްޤުގެ މަތީގައި ތިބި މީހުންނާ އެކުގަކަން އެގިތިބެއެވެ. އަދި އެކަލާންގެ ވައުދު ފުޅު ކަމުގައިވާ، ނުހައްޤުން ގެއްލުން ލިބޭ މީހުން ގެ ދުޢާ އިޖާބަ ކުރައްވާނެ ކަމާ ޙައްޤަށް ނަސްރުދެއްވާނެ ކަމުގެ ޔަޤީން ކަމާއި އެކުގައެވެ.

އަޅުގަނޑުމެން އިތުބާރު ކުރަނީ ހަމައެކައި ﷲ އަށެވެ. އަޅުގަނޑުމެން އެދެނީ މިނިވަން ދީމިޤްރާޠީ އަދި ޤާނޫނީ ވެރިކަމެކެވެ



ރައީސް އިބްރާހިމް ނާސިރު އަށް ސުވަރުގެ ދެއްވާށި! އާމީން

November 22, 2008

ޤާނުނުއަސާސީގެ ބާރު ފެންނަމުން ޤައުމު ކުރިޔަށް

October 17, 2008

އަޅުގަޑުގެ ހަޔާތުގެ މިހާ ހިސާބަށް ފެނުނު އިންތިހާބުތަކާއި ހިލާފަށް މިފަހަރު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން މުޅިންވެސް ބޭއްވިފައި ވަނީ ހިޔާލު ހޯދުމުގެ ވޯޓެވެ. މިއީ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިފަހަރެވެ. މީގެ ކުރިޔާ ހިލާފަށް ރައީސް ކަމުގައި ހުރި ބޭފުޅާއަށް ލިބިލެއްވީ 40% އެވެ. މީގެ ކުރިން އެބޭ ފުޅާއަކީ 90% އިން މަތި ހޯއްދަވާ ބޭފުޅެކެވެ. އެހެން ކަމުން މިމަހު 8 ގައި މިބޭއްވުނު އިންތިހާބަކީ ދިވެހި ތާރީހްގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު އިންތިހާބެކެވެ. އަޅުގަޑު ދެކޭ ގޮތުގައި ކުރިޔަށް މިއޮތީ ޤާނޫނުއަސާސީގެ ފަސް އަހަރެވެ. މިހެން ބުނަން މިޖެހެނީ މިފަސް އަހަރަކީ ޤާނޫނުއަސާސީއަށް ފުރިހަމަ ބާރު ދިނުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ފަސް އަހަރެވެ

ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމަށް ބާއްވަންޖެހޭ އިންތިހާބު ތަކާއި ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް ބާރުއެޅުމާއި ގާއިމް ކުރަންޖެހޭ މުހިންމު މުއައްސަސާތައް ގާއިމް ކުރުންފަދަ ކަންކަން ކުރަން އެބަޖެހެއެވެ

ޤާނޫނުއަސާސީގެ 301 ވަނަ މާއްދާގެ ދަށުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިވަނީ އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުކުރެވިފައެވެ. އެހެން ކަމުން ޤާނުނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ވާފަދައިން މިވަނީ ދެވަނަ ބުރަކަށް ދާންޖެހިފައެވެ. އެމާއްދާގައިވަނީ “ރައިސުލްޖުމްހުރިއްޔާކަމަށް މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓް އެ މީހަކަށް ލިބިގެންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓް ނިލިބިއްޖެނަމަ އެ އިންތިހާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާން ވާނެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނަށް ވޯޓް ލިބުނީ އެއް ޢަދަދަކަށް ކަމުގައިވާނަމަ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެދެ ކެންޑިޑޭޓުން އެކަންޏެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެގިނަ ވޯޓް ލިބުނީ ދެ ކެންޑިޑޭޓަކަށް އެއް އަދަދަކަށް ކަމުގައިވާނަމަ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަވޯޓު ލިބުނު ކެންޑިޑޭޓާއި ދެވަނައަށް އެންމެގިނަ ވޯޓްލިބުނު ދެ ކެންޑިޑޭޓުންނެވެ

އެހެން ކަމުން ޤާނޫނުއަސާސީގައި ވާފދައިން ދެވަނަ ބުރުގެ ވޯޓްލުން މިމަހުގެ 28ގައި ބޭއްވޭނެއެވެ. ޤާނޫނުއަސާސީ އުފެދުމަށްފަހު ކަންތައްތައް ބަދަލުވަމުން މިދަނީ ބައެއް މީހުން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އަޅުގަޑާއެކު ކިޔަވަން އުޅޭކުއްޖަކު ކައިރީ ދެވަނަ ބުރަކަށް ދާންޖެހޭނެތޯ މީގެ ތިން ހަފުތާ ކުރިން އަހާލުމުން ބުނީ ދާން ނުޖެހޭނެ ކަމަށެވެ. އޭނަ މިހެންބުނީ މަހާރުގެ ރައީސްއަށް މީގެ ކުރީ ހިޔާލު ހޯދުގެ ވޯޓް ތަކުގައި މަތީ ކާމިޔާބެއް ލިބިފަ އޮތީމައެވެ. ނަމަވެސް މިފަހަރު އެންމެ ފަރާތްތަކަށް ފެނުނީ ޤާނޫނުއަސާސީގެ ބާރެވެ. ޤާނޫނުއަސާސީގެ ދަށުން ކުޅިކުޅިއަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެ ކަމެވެ


ޤާނޫނުއަސާސީގެ ބާރު ކަޑުވާލުމުން ފައިދާއެއް ވާނެތަ؟

September 18, 2008

ޤާނޫނުއަސާސީއަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިންމު ތަބެވެ. އެތަބު ވެއްޓިއްޖެ ނަމަ ޤައުމު ވެއްޓުން އެކަށީގެން ވެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިފަދައިން އަޅުގަނޑުމެންގެ ޤައުމުގައިވެސް ޤާނޫނުއަސާސީއެއް އުފެދުމަށްފަހު މިއަދާ ޖެހެން ދެންވެސް އެއަށް ދެވިފައިވަނީ ވަރަށްވެސް މަތިވެރި މަޤާމެކެވެ. ސަމްސުއްދީން 3 ގެ ރަސްކަން ނިމުމަކަށް ގެނައީ ޤާނޫނުއަސާސީއެވެ. އަދި އެއަށްފަހު ރަސްކަން ހަމަނޭވާ ނުލައި ނޭވާހޮޅިއަށް އެޅި ނިމި ދިޔައީ ޤާނޫނުއަސާސީގެ ސަބަބުންނެވެ

މިއަދު އަނެއްކާވެސް އެތާރީހް އިއާދަ ވެދާނެތޯއެވެ؟ ހަމަޔަޤީނުންވެސް އެއްވެސް މީހަކު އެގޮތެއް ޤަބޫލެއް ނުކުރާނެއެވެ. އަޅުގަޑުމެން އެދެނީ ޤާނޫނުއަސާސީ ގައި ވާ ގޮތުގެ މަތިން ކަންކަން ހިގަމުން ދިވެހި ފޭރާން ފުރިހަމަ ވަމުން ފަރިވަމުން ދާތަން ދެކޭށެވެ

މިފަހުން ބައެއް ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބު ލަސްކުރުމަށް ވާހަކަ ދައްކަވާފައެވެ. މިހެން މިކަން ކުރުމަށް އެއްގޮތަކަށްވެސް ޤާނޫނުއަސާސީގައި ފުރުސަތު ލިބިފައެއް ނެތެވެ. ޤާނޫނުއަސާސީގެ 301ވަނަ މާއްދާގައި 10 އޮކްޓޯބަރުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާއިރު 299 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ އެންމެހައި ބައިތަކަށް ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެކަމަށް ބުނެފައި ވެއެވެ. މިދެމާއްދާއަކީ ވަކިކޮށް ނުލެވޭނެ ދެ މާއްދާއެވެ. ދެ މާއްދާއަށް އެކުގައި ބަލައި ލުމުން ފެންނަ މެސެޖް ސާފެވެ. އެއީ އިންތިހާބުވެސް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ތާރީހްގައި ބާއްވަން ޖެހޭނެ ކަމުގެ މެސެޖެވެ

ދެން އޮތް ސުވާލަކީ  އިންތިހާބު ލަސްކުރުމުން އޭގެ ފައިދާއެއް އިދިކޮޅު ޕާޓީތަކަށް ލިބިދާނެތޯ ކުރެވޭ ސުވާލެވެ. ޔަޤީންވާ ކަމަކީ މިހާރުގެ ޑީ.ޢަރ.ޕީގެ ޒައީމް ދެން މީހަކު މަޤާމާ ހަވާލުވަންދެން ދެމި ހުންނާނެކަމެވެ. ޤާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގައި ވަނީ “މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސި އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެ މީހަކު އެ މަޤާމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައިހުރި ރައީސުލްޖުމްހުރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ.” އެހެން ކަމުން އެމަނިކުފާނު ވެރިކަމުގެ ބާރު ބޭނުން ކުރަށް ވައިގެން ކެންޕޭން ކުރައްވާ އަދި އެވަރުން ނުވެގެން ދަތކޮށް އުދަގޫޖައްސަމުން ގެންދާނެއެވެ. އަދި ވަގުތު ލިބުމުން ރައިސުލްޖުމްހޫރިއްޔާއޭ ބުނެ “ދެއްކުމަށް” އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަށާނެއެވެ. އެހެންކަމުން މިކަމުގައި ދުވަސް ގިނަވުމަކުން ލިބޭނެ ވަކި ބޮޑު ފައިދާއެއް ނެތެވެ


ރާއްޖޭގެ ފުރަތަމަ ސްޕްރީމް ކޯޓް އުފެދިއްޖެ

September 18, 2008

ޤާނޫނުއަސާސީގެ 283 ވަނަ މާއްދާގެ (ހ) ގައި ވާފަދައިން ރާއްޖޭގެ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ ބާރު މިއަދު އުފައްދަވައިފިއެވެ. ރައްއިތުންގެ މަޖިލިހުން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ފަސް ނަން ބަލައި ގަނެ މިއަދު ވަނީ، ސްޕްރީމް ކޯޓް ރަސްމީ ގޮތުން  އުފައްދަވާފައެވެ. މިއީ ޤާނޫނުއަސާސީގެ އިންތިޤާލީ ކަންތައްތަކާއި ބެހޭ ބާބުގެ ދަށުން އުފެއް ދުނު އިންތިޤާލީ ސްޕްރީމް ކޯޓެކެވެ. މިކޯޓް ދެމި އޮންނާނީ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބަޔާން ވެފައިވާ ސްޕްރީމް ކޯޓް އުފެދެން ދެނެވެ

ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުވި ނަންތަކާއި މެދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ބަހުސް ހޫނުވެގެން ދިޔަނަމަވެސް އެނަންތައް ވަނީ ފާސްވެފައެވެ. އެގޮތުން އަހުމަދު ފާއިޒު ޙަސަން، 41 އަހަރު އަކީ ހައިކޯޓްގެ އުސްފަޑިޔާރެވެ. އަބްދުﷲ ސައީދު، 44 އަހަރަކީ އެޓާނީ ޖެނެރަލްގެ ނައިބެވެ. އަބްދުﷲ އަރީފް 39 އަހަރަކީ ، ޖިނާއީ ކޯޓްގެ އިސްޤާސީއެވެ. މިޖުތާޖު ފަހުމީއަ، 48 އަހަރަކީ މަދަނީ ކޯޓުގެ އިސްޤާސީއެވެ. އަދި ޔޫސުފު ހުސެއިން ، 44އަހަރަކީ އާއިލާއާއި ބެހޭ ކޯޓްގެ އިސްޤާސީއެވެ

މިއެންމެ ބޭފުޅުންގެ ނަމަށް ވޯޓަށް އެއްސެވީ ވަކިވަކިންނެވެ. ވޯޓާ މެދު ހިތް ހަމަ ނުޖެހިގެން ހާޒިރުވި 48 މެންބަރުންގެ ތެރެއިން 14 މެންބަރުން ޖަލްސާ ދޫކުރެއްވިއެވެ. މި 14 ބޭފުޅުން މަޖިލިސް ދޫނުކުރެއްވި ނަމަ މިއަދު އެތަނުން ވޯޓް ލިބުނު ގޮތަށް ބަލާއިރު މި ބޭފުޅުންގެ ތެރެއިން ފާސްވުމުގެ ފުރުސަތުއޮތީ ހަމަ އެކަނި ދެބޭފުޅަކަށެވެ. އެއީ އަހުމަދު ފާއިޒް އާއި އަބްފުﷲ ސައީދު އެވެ. އެދެ ބޭފުޅުންނަށް މަޖިލިސް ދޫނުކުރަށްވާ ބާކީ ތިއްބެވި މެންބަރުންގެ ތެރެއިން 3 ވޯޓް ނުލިބެއެވެ. އެހެން ކަމުން ނުކުމެ ވަޑައިގެން 14 މެންބަރުންނާ މިތިން މެންބަރުން ލުމުން 1/3 ލިބިގެންދާނެއެވެ. ހަމަކިރިޔާ 2/3 އެދެ ބޭފުޅުންނަށް ލިބެއވެ. ނަމަވެސް ދެންތިއްބެވި ފަޑިޔާރުން ނަށް 2/3 ބައި ލިބި ވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. އެއީ އެވޯޓްގައި 2/3 ބައި ހޯދަން ޖެހެނީ ހާޒިރުވި މެންބަރުންގެ ތެރެއިން ކަމަށް ވާތީއެވެ


ރިޔާސީ އިންތިޚާބު އަންނަ މަހު 8 ގައި

September 16, 2008

މިރޭ  ދަރުބާރުގޭ 25 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން އިން އިންތިޚާބު ބޭއްވޭ ތާރީހް އިއުލާން ކުރައްވައިފިއެވެ. އެކޮމިޝަންގެ ފަރާތުން އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވާފައިވަނީ މިއަންނަ މަހު 8 ގައެވެ. އަދި އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ. މިއީ ޤާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ފަދައިން 10 އޮކްޓޯބަރުގެ ކުރިން އިންތިޚާބު ބޭއްވޭތޯ އެޅުއްވި ފިޔަވަޅެކެވެ. އިލެކްޝަން ކޮމިޝަންއިން ވަނީ ޤާނޫނުއަސާސީގައިވާ ރައިސުލްޖުމްހޫރިއްޔާކުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންވީ ޝަރުތުތަށް ވެސް ނޫސްވެރިންނަށް އިއްވަވާފައެވެ. އެއީ

ހ. ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން

ށ. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން

ނ. ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން

ރ. ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން

ބ. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މިހަކު ނަމަ، އެ ދަރަނި ޚަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން

ޅ. ޖިނާއި ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފިޛުކޮށް ނުމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅިގެން އަދަބު މަޢާފުކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން

ކ. މި މާއްދާގެ ޅ ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙިލަތް، ޓެކުން، ޚިޔާނާތްތުގެ ކުށެއް ކުރިން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. މިއެވެ. އެހެން ކަމުން މިޝަރުތުތަށް ފުރިހަމަވާ ކޮންމެ ފަރުދަކަށްވެސް ރައީސްކަމަށް ކުރިމަތި ލެވޭނެއެވެ

ޤާނޫނުއަސާސީގެ 301ގެ (ހ) ގައި ވަނީ “މި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ.” އެހެން ކަމުން އިލެކްޝަން ކޮމިޝަނުން ނިންމެވި މިނިންމުމަކީ ވަރަށް މުހިއްމު ނިންމުމެކެވެ. ކޮންމެ ގޮތެއްވިޔަސް ފުރަތަމަ ބުރު ޤާނޫނުއަސާސީއާއި އެއްގޮތަށް ބޭއްވުމުގެ ޔަޤީންކަން މިއޮތީ ލިބިފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ތޯއެވެ؟ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ވެއްޓިދާނެތީ ހަމަ ޔަޤީނުންވެސް އަޅުގަޑު އިންތިހާއަށް ކަންބޮޑުވެއެވެ


އިންތިޚާބާބެހޭ ދެބިލު މަޖިލިހުގެ ތަޅުމަށް އަންނަ ހަފުތާގައި

September 13, 2008

ޤާނޫނުއަސާސީގެ 301 ވަނަ މާއަދާގައިވަނީ “(ހ) މި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރު 10 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ

މިގޮތުން ބަލާއިރު މިހާރު ބާކީ އޮތީ މަހަކަށްވުރެ ކުޑަ ދުވަސް ކޮޅެކެވެ. މިދުވަސް ކޮޅުގައި އިންތިހާބާ ބެހޭ އެހެނިހެން ކަންކަމަށްވެސް ވަގުތު ދޭން ޖެހެއެވެ. އެގޮތުން ވޯޓްލާނެ މީހުންގެ ލިސްޓް އިޢުލާންކޮށް އެލިސްޓް ސައްހަތޯ ބެލުމާއި އިންތިހާބައި ބެހޭ އެއްވެސް މައްސަލައެއް އޮތްނަމަ އެމައްސަލަ ކޯޓަށް ހުށަހެޅުމަށް ވަގުތުދިނުމާއި އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އަމަލުކުރާނެ ގޮތެއް ކަޑައެޅުން ފަދަ ކަންކަން ހިމެނެއެވެ. ސުވާލަކީ މިކަންކަމަށް ވަގުތު އެބައޮތް ތޯއެވެ؟

ކޮންމެއަކަސް މިނިވަން ނޫހަށް ދާޚިލިކަން ކަމުގެ ކޮމިޓީގެ މުޤައްރިރު ތ.އަތޮލު މެންބަރު ހަސަން އަފިފު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިފެށޭ ހަފުތާގައި އިންތިހާބާއި ބެހޭ ދެ ބިލު މަޖިލިހަށް ހުށަހެޅޭނެކަމަށެވެ. “ދެގަޑީރާ ބައިން (މުތާލިއާކޮށް) މިނިންމާލެވުނީ 13 މާއްދާ. ވީމާ ބާކީ އޮތް 26 މާއްދާގެ މަސައްކަތް 5 ގަޑިއިރުތެރޭ ނިންމާލެވޭނެ” އަފީފު ވިދާޅުވިއެވެ. މިހެން ވެއްޖެނަމަ ކިތަންމެހާވެސް ރަގަޅެވެ. މިވަގުތު މަޖިލިހުގެ ރައީސްއާއި މެންބަރުން މިކަން މިހަފުތާގައި ނިންމުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން ޖެހެއެވެ. އިންފޮމޭޝަން މިނިސްޓަރ ނަސީދުގެ ބޮލޮގްގައި މަޖިލިހުގެ ރައީސް ފަރުވާ ކުޑަކޮށްފައި ވާކަމަށް ތުހުމަތު ކޮށްފައިވެއެވެ. މިއީ މަޖިލިހުގެ ރައީސް ކުރިޔަސް މިފަދަ ދުވަސް ވަރެއްގައި ވަރަށް ހިތާމަ ހުރި ކަމެކެވެ. މިއީ އަމިއްލަ އެދުމުގެ ކުރިޔަށް ޤައުމުގެ މަސްލަހަތު ނެރެންވި ވަގުތެވެ

އެގެން އޮތް ކަމަކީ މިއިންތިހާބު ފަސް ކުރެވެން ނެތް ކަމެވެ. ޤާނޫނުއަސާސީގެ 292 ވަނަ މާއަދާގައި ވަނީ” މި ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މީހުން، އެ މީހުންގެ މަޤާމުތަކާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެއެވެ.” އެހެންކަމުން 301ގައި ވާފަދައިން 10 އޮކްޓޯބަރު 2008ގެ ކުރިން އިންތިހާބު ބޭއްވުން އެއީ މަޖުބޫރުކަމެކެވެ. ބައެއް ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން އިންތިހާބު ލަސްކުރުމަށް ގޮވާލަމުން ދިޔަނަމެސް އެއި ޤާނޫނީ ގޮތުން ބަލާއިރު އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫނެވެ